Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ދުވެލި ކުރިއަށް ވުރެ މާ ހަލުވި، ވައުދު މި ފުއްދަނީ ދައުރުގެ ފަހު ކޮޅަކަށް ނޫން: ރައީސް

ދުވެލި ކުރިއަށް ވުރެ މާ ހަލުވި، ވައުދު މި ފުއްދަނީ ދައުރުގެ ފަހު ކޮޅަކަށް ނޫން: ރައީސް
މި ސަރުކާރުގެ ދުވެލި ކުރިއަށްވުރެ ހަލުވި ކަމަށާއި އެމަނިކުފާނު ވެވަޑައިގެންފައިވާ ބޯހިޔާވަހިކަމުގެ ވައުދުތައް ފުއްދާނީ ދައުރުގެ ފަހުކޮޅު ނޫން ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ޓިކެޓުގައި އައްޑޫ ހުޅުދޫ ދާއިރާއަށް ވާދަކުރައްވާ މުހައްމަދު ޝާހިދު (ޝާޑު) ގެ ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނަކީ ދައްކާ ވާހަކައާ، ބަހާއި އަމަލާ ދިމާވާ ބޭފުޅެއް  ކަމަށެވެ. މި ފަސް އަހަރުގެ ދައުރު ނިމޭއިރުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ޔަގީންކޮށް ދިނުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. އެ ޕޯޑިއަމްގައިވެސް ތަކުރާރު ކުރެއްވީ އެ ވައުދު ފުއްދާނެކަމެވެ. އެކަން ކުރައްވާނީ ދައުރުގެ ފަހުކޮޅުގައި ނޫން ކަމަށް ވިދާޅުވިއެވެ.
ފުއްދާނީ އިންތިހާބު އައިސް 2028 ގެ މެދުތެރެއަށް ދިޔާމައެއް ނޫން، އެ ވައުދު ފުއްދަން ބޭނުންވާތީ އަޅުގަނޑުމެން މިދިޔަ އަހަރު ޑިސެމްބަރު މަހު އަމަލީ މަސައްކަތް ފެށީ
ރައީސް ވިދާޅުވީ އެވަރުގެ ބޮޑު ފުއްދަން ފަސް އަހަރު ނަގާނެ ކަމަށާއި، އަމަލީ ގޮތުން ކަންކަން ހިނގާ ގޮތް ބެލީމަ ރައްޔިތުން އެކަން ސާފުވާނެ ކަމަށެވެ. ބޯހިޔާވަހިކަން ހޯދުމަށް މާލޭ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުން ގެންދަނީ ތަންތަން ހިއްކަމުންނެވެ. އަދި ބިން އޮތް ތަންތަނުގައި ގެދޮރު ގާއިމްކުރުމަށް އެކި ކަހަލަ މަޝްރޫއުތައް ފެށުމަށް ސަރުކާރުން ތައްޔާރު ވަމުންދާކަން ރައީސް ހާމަކުރެއްވިއެވެ. ފަސް ޕަސެންޓް އިންޓްރޭސްޓް ލޯނުގައި ގެ އަޅަން ދޫކުރަން ދާދި ފަހުން ހައުސިން މިނިސްޓްރީން ވަނީ އެޗްޑީއެފްސީއާކު ސޮއިކޮށްފައެވެ. އެ އެއްބަސްވުމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އެންމެ ފުރަތަމަ ގެ އަޅަން ބޭނުންވާ މީހާއަށް ބޭނުންވާ ލޯނު ދޫކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. ރައީސް މުއިއްޒު ދެއްވި ޔަގީންކަމަކީ މި އަހަރު ނިމޭއިރު ރާއްޖޭގެ އެކި ސަރަހައްދުގައި 'އަތްފޯރާ' ފަށުގެ އެ ލުއި ލޯނު ދޫކުރެވޭނެ ކަމަށެވެ. ހަދަން ފަށާފައި ހުރި ގެތައް ނިންމުމަށްޓަކައި ''ހޯމް ކޮމްޕްލީޝަން'' ލޯނާއި ރެނޮވޭޝަން ލޯނު ދޫކުރުމުގެ މަސައްކަތް މި އަހަރު ތެރޭގައި ފެށިގެންދާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ. ރައީސް ވިދާޅުވީ އާބާދީ ތޮއްޖެހިފައި ހުރި ތަންތަން ޔަގީންކުރުމަށްޓަކައި ބޭރު ގައުމުތަކުގައިވެސް، ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ގާނޫނުތަކެއް އޮންނަ ކަމަށެވެ. ''އާބަން ޑިވޮލޮޕްމެންޓުގެ އެކި ކަހަލަ ގާނޫނުތައް ހުރޭ. އެކަންކަމަށް ބިލު ހަދާފައި މަޖިިލީހަށް ފޮނުވަމުން މިދަނީ، މަޖިލީހުން އެއްބާރުލުން ދިނިއްޔާ އެކަންތައްތައް ވަނީ. އިހަށް ދުވަހު ސޮވެރިން ފަންޑުގެ ބިލު ބޭރުކޮށްލާ މަޖިލީހެއް ތި ބޭފުޅުން ހޮއްވަވާފިއްޔާ ކިހިނެއްތޯ އެކަން ކުރާނީ'' މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީއަށް ފާޑުކިޔަމުން ރައީސް ވިދާޅުވިއެވެ. އެހެންވެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކޮށްދޭނެ ބަޔަކު މަޖިލީހަށް އިންތިހާބު ކޮށްދިނުމަށް ރައީސް ގޮވާލެއްވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް