ޑރ. މައުސޫމަށް އަލުން ރުހުން ދޭން ކޮމިޓީން ފާސްކޮށްފި
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުالله މައުސޫމު ދެވަނަ ފަހަރަށް އެ މަގާމުގެ ހުވާ ކުރެއްވުމުން، މައުސޫމަށް ރުހުން ދޭން، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.
ޑރ. އަބްދުالله މައުސޫމަށް ރުހުން ދޭން ކޮމިޓީން މިދިޔަ ހަފުތާގައި ފާސްކޮށް މަޖިލިހަށް ފޮނުވި ކަމުގައިވީ ނަމަވެސް، އޭނާ އޭރު ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގެ ހުވާ ކުރެއްވީ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނަވައިގެން ކަމަށް ވުމުގެ ސަބަބުން، އެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އަލުން ހުވާކުރަން މަޖިލީހުން ލަފާ ދިނެވެ. މިކަން މިހެން ކޮށްފައި ވަނީ ވަޒީރުން އެއްވެސް ވިޔަފާރިއެއް ހިންގުމުގައި ބައިވެރިވުމަކީ ގާނޫނުއަސާސީ މަނާކުރާ ކަމަކަށް ވާތީ އެވެ.
ޑރ. މައުސޫމަށް އަލުން ރުހުން ދޭން މި ކޮމިޓީން ނިންމީ މައުސޫމު އަލުން ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައި ދެވަނަ ފަހަރަށް ހުވާ ކުރެއްވުމުންނެވެ. އަދި މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ ބަލާ ނިމެންދެން މަޖިލީހުގެ ޗުއްޓީ ވެސް އަންނަ ހަފްތާގެ ނިޔަލަށް ވަނީ ފަސްކޮށްފައެވެ.
ޑރ. މައުސޫމު މި މަގާމަށް އައްޔަން ކުރެވުނީ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު، މިދިޔަ ޖުލައި މަހު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.