ރައީސްގެ ތަސައްވަރު ފުރިހަމަ ވާނީ ސަރުކާރަށް މެޖޯރިޓީ ލިބިގެން: ލައްމާން
މި ސަރުކާރުގެ ތަސައްވުރާ އެއްގޮތަށް ގައުމު ތަރައްގީ ކުރުމަށް، ގާނޫނީ ބާރުވެރިކަން ދޭން ޖެހޭ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޑެޕިއުޓީ މުހައްމަދު ލައްމާން ވިދާޅުވެއްޖެއެވެ.
ލައްމާނު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ''ދިވެހީންގެރާއްޖެ' 'އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ތަސައްވުރާއި އެއްގޮތަށް ތަރައްގީ ކުރުމަށް ފުރިހަމަ ގާނޫނީ ބާރުވެރިކަން މި ސަރުކާރަށް ދޭން ޖެހޭ ކަމަށެވެ.
އަދި އެކަން ކުރެވޭނީ މި މަހުގެ 21 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް އިންތިހާބުކޮށް، ފުރިހަމަ މެޖޯރިޓީ ސަރުކާރަށް ލިބިގެން ކަމަށް ލައްމާން ވިދާޅުވިއެވެ. ލަމްއާން ވަނީ ރައްޔިތުން އެދޭ ގޮތަށް ތަރައްގީ އާއި އިގްތިސާދީ ކުރިއެރުން ހޯދުމަށް ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ގޮވާލައްވާފައެވެ.
މިރޭ ޕީޕީއެމް/ޕީއެންސީ ޓިކެޓުގައި މާފަންނު ދާއިރާއަށް ވާދަކުރައްވާ އަބްދުﷲ ރިފާއު (ބޮޗޭ) ގެ ކެމްޕޭނު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަަވަމުން ރައީސް ވެސް ވަނީ މިފަދައިން ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރުގެ އެންމެ މުހިއްމު ސިޔާސަތު ކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަަށް ހައްލުގެންނަން ނަގަން ޖެހޭ ލޯނުތަކާއި، ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ކުރަން ޖެހޭ ކަންތައްތައް ކުރެވޭނީވެސް އަދި ބޭނުންވާ ގާނޫނުތައްވެސް ފާސްކުރެވޭނީ 20 ވަނަ މަޖިލީހަށް ސަރުކާރު ކެންޑިޑޭޓުން އިންތިހާބުކޮށްގެން ކަމަށެވެ.
"މަޖިލީހާ ނުލައި ސަރުކާރު ހިންގޭނެ ނިޒާމެއް ނޫން ރާއްޖޭގެ ދުސްތޫރު ހެދިފައި އޮތް ގޮތުން އޮތީއެއް،" ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ ހައްގުގައި ސަރުކާރުން ގެންދަން ބޭނުންވާ މަޝްރޫއުތަކާއި، ސިޔާސަތުތަކާއި ޕްރޮގްތާމްތަކާއި ދެކޮޅަށް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ކަންތައްތައް ކުރަމުންދާ ކަމަށް މީގެ ކުރިން ވެސް ރައީސް ވަނީ ތުހުމަތުކުރައްވާފައެވެ.
އޭގެ މިސާލެއްގެ ގޮތުން ރައީސް އޭރު ދެއްކެވީ ސޮވަރިން ޑިވެލޮޕްމަންޓު ފަންޑު ހިމާޔާތްކުރުމާއި ބެހޭ ބިލެއް މަޖިލީހަށް ހުށަހެޅުމުން، މަޖިލީހުގެ ޖަލްސާގައި ސޮވަރިން ޑިވެލޮޕްމަންޓު ފަންޑުގެ ބިލު އެއްވެސް ސަބަބަކާއި ނުލައި ބޭރުކޮށްލުމެވެ.