އަލީ ވަހީދުގެ މައްސަލަ އަލުން ބަލަން ޕީޖީއަށް ގޮވާލައިފި
މިދިޔަ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުގެ ގޮތުގައި ހުންނެވި އަލީ ވަހީދު އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލަ އަލުން ބަލަން ސަރުކާރުން ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްް (ޕީޖީ) އޮފީހަށް މިއަދު ގޮވާލައިފިއެވެ.
އޭރު ޓޫރިޒަމް މިނިސްޓްރީގައި މަސައްކަތްކުރި މުވައްޒަފުންނަށް އަލީ ވަހީދުގެ ފަރާތުން ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާ ލިބުނު ކަމަށް ބުނެ، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކެއް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝަކުވާ ހުށަހަޅައި އަދި ޕޮލިހަށްވެސް މައްސަލަ ހުށަހެޅިވެ. ނަމަވެސް، މި މައްސަލައިގައި އަލީ ވަހީދު މަގާމުން ދުރުކުރުން ފިޔަވައި އެއްވެސް ފިޔަވަޅެއް ނޭޅި އުޅެނިކޮށް މައްސަލައަށް ވީ ނުވީއެއް ވެސް ނޭންގި، އޮބުނީއެވެ.
މައްސަލަ ތަހުގީގު ކުރުމަށް ފަހު ޕީޖީއަށް ފޮނުވި ނަމަވެސް, މައްސަލަ ދިގުލައިގެން ގޮސް ޕީޖީން ފަހުން ވަނީ ދައުވާ ނުކުރަން ނިންމައިފައެވެ. ދައުވާ ނުކުރަން ނިންމީ އަނިޔާ ވި އަންހެނުން އެކި ޕްރެޝަރުތަކާ ގުޅިގެން ބަޔާންތައް އަނބުރާ ގެންދިއުމާ ގުޅިގެންނެވެ.
ކޮންގްރެސް ޕާޓީގެ މަޖިލިސް އިންތިހާބާ ގުޅޭ ގޮތުން ކޮންމެ ދުވަހަކު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ, އެފަދަ މައްސަލަތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސްޓޭންޑަކީ މައްސަލަ އެއް ސާބިތުވެއްޖެނަމަ ދޭން ޖެހޭ ހައްގު އަދަބު ދިނުން ކަމަށެވެ.
މި މައްސަލާގައި އަލީ ވަހީދުއާ މެދު ފިޔަވަޅު އަޅާނެތޯ ނޫސްވެރިއަކު ތަކުރާރުކޮށް ސުވާލުކުރުމުން ހީނާ ވިދާޅުވީ އެ ސުވާލުކުރަން އެންމެ ރަނގަޅުވާނީ ޕީޖީ ހުސެއިން ޝަމީމްއާ ކަމަށެވެ. މި މައްސަލަ އަލުން ބަލަން ގޮވާލާ ކަމަށް ވިދާޅުވިއެވެ.
"މި މައްސަލަ އަނެއްކާވެސް ތަހުގީގުކޮށް ދެއްވާށޭ, އެއީ ބަޔާންތައް އެހެރީ. ބަޔާންތަކުގައި އެހެރީ ކަންބޮޑުވާ ވާހަކަތަކެއް. އެހެންވީމާ ތަފާތުކުރުމެއްނެތި އެއްވެސް ތަފާތުކުރުމެެއް ނެތި އޭގައި ޝާމިލްވި ފަރާތްތަކަށް ދައުވާ ކުރެވެން ޖެހޭނެ. ހައްގު އަދަބު ލިބެން ޖެހޭނެ." ހީނާ ވިދާޅުވިއެވެ.
މި ފަހުން އަލީ ވަހީދުގެ ޖިންސީ ޝިކާރައަކަށްވީ އަންހެން ކުދިން ފުލުހަށް ދީފައިވާ ބަޔާންތައް ސޯޝަލް މީޑިއާގައި ވަނީ ލީކުވެފަ އެވެ.
މި މައްސަލަ އަނެއްކާވެސް ފެންމަތިވުމާ ގުޅިގެން ކުރީގެ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ކުޅުދުއްފުށި ދެކުނު ދާއިރާއަށް ވާދަކުރައްވާ އަލީ ވަހީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ސިޔާސީ ގޮތުން ކާޅަށް ކޮށާ ކުދިކޮށް ކަތިލަން ކުރާ ޖަރީމާގެ ކުރިމަތީ ކުޑަކަކޫ ނުޖަހާނަން،" ކަމަށެވެ.