ޚަބަރު

ޑަޒަނުން ބަހަމުންދާ ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރަން ސަރުކާރަކަށް ނުކެރޭނެ: ސޯލިހު

އަލީ ސަމާޙް ، ދެން އޮންލައިން
މިރޭ ބޭއްވި ބައްދަލުވުމުގައި ސޯލިހު ވާހަކަފުޅު ދައްކަވަނީ

ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުންގެ އަދަދު ހާމަކުރަން ސަރުކާރަށް ނުކުރޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައީސް ސޯލިހު އެހެން ވިދާޅުވީ މި މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި އައްޑޫ ސިޓީއަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް މާލޭގައި ބޭއްވި ތަރާވީސް ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިދިޔަ ފަސް އަހަރު ވެރިކަން ކުރެއްވި ސޯލިހު ވިދާޅުވީ، ސަރުކާރު ހިންގާނީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ކަމަށް ރިޔާސީ ކެމްޕޭނު ތެރޭގައި ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް އަމަލުތައް ފެންނަނީ ދިމާ އިދިކޮޅަށް ކަމަށާއި، ގިނަ ރައްޔިތުން ގަބޫލުކުރާ ގޮތުގައި އެ ވާޙަކަ އަކީ ރައީސް ހެއްދެވި އިތުރުފުޅުތަކެއް ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ އެޑްވައިޒަރުކަންވެސް ފުރުއްވަމުން ގެންދަވާ ސޯލިހު ތުހުމަތު ކުރެއްވި ގޮތުގައި އިންތިހާބާ ދިމާކޮށް ރައީސް ގެންދަވަނީ ތަކުރާރުކޮށް އިތުރުފުޅު ހައްދަވަމުންނެވެ.

''ކޮބައިތޯ ވީ ވައުދުތައް، ބަޖެޓަށް ލިބުނު ފައިސާ ހަަރަދުކުރަނީ ކިހިނެއްތޯ، ވަޒީފާތައް ޑަޒަނުން ޑަޒަށް ދޭއިރުގައި އަދަދަކީ ކޮބައިތޯ، ހާމައެއް ނުކުރޭ'' ސަރުކާރަށް ފާޑުކިޔަމުން ސޯލިހު ވިދާޅުވިއެވެ.

ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނުން ވަނީ ދާދި ފަހުން ރައީސް އޮފީހަށް އަންގާފައެވެ. އަމިއްލަ ފަރާތަކުން ހުށަހެޅި އެ މައްސަލައިގެ އަޑު އެހުމަށް ރައީސް އޮފީހުން އެއްވެސް ބޭފުޅަކު ވަޑައިނުގެންނަވަނީ ބިޒީކަމުން ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު ވަނީ ވިދާޅުވެފައެވެ.

''އަޅުގަނޑަށް ހަމަ ޔަގީން އަދިވެސް ނުކުރެވޭނެ ހާމަކުރާކަށް، 1500 އަށްވުރެ މައްޗަށް އެ ލިސްޓު އަރައިގެން އެ ދަނީ'' ސޯލިހު ވިދާޅުވިއެވެ.

މި ސަރުކާރުގެ އިސް ވަޒީރު ވިދާޅުވެފައިވާ ގޮތުން ސިޔާސީ މަގާމުތަކުގެ އަދަދު އަދި 500 އަށް ވެސް ނާރައެވެ. މެނިފެސްޓޯގައި ހިމެނޭ ކަންތައްތައް ތަންފީޒު ކުރެވޭނީ އެކަށީގެންވާ ވަރަށް މަގާމުތަކަށް މީހުން ލައިގެން ކަމަށް އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!