އިދިކޮޅުން ހަދާ އެންމެ ބޮޑު ދޮގަކީ މަޝްރޫއުތައް ހުއްޓާލި ވާހަކަ: ރައީސް
އިދިކޮޅު ފަރާތްތަކުން އެމަނިކުފާނަށް ދެކޮޅަށް އެންމެ ބޮޑަށް ދޮގު ހަދަމުން ދަނީ މި ސަރުކާރުން މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށް ބުނެ ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އާއްމުންނަށް ރައީސަށް ސުވާލުކުރެވޭ ގޮތަށް ރައީސް އޮފީހުން ސިލްސިލާކޮށް ކުރިއަށް ގެންދާ ''ރައީސްގެ ޖަވާބު'' ގެ މިއަދުގެ ސެގްމެންޓުގައި އާއްމުންގެ މީހަކު ވަނީ ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާ ގުޅޭ ގޮތުން ސުވާލުކޮށްފައެވެ.
''މިއީ އަޅުގަނޑާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ދޮގު ވާހަކަތަކުގެ ތެރެއިން އެންމެ ބޮޑު ދޮގު ކަމަށް އަޅުގަނޑު ދަންނަވާނީ'' އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ރައީސް މުއިއްޒު ވިދާޅުވީ ރިޔާސީ ކެމްޕޭނު ތެރޭގައި ވަޑައިގެންނެވި ހުރިހާ ރަށަކުން ކަހަލަ ގޮތަކަށް ފެނުނީ މަޝްރޫއުތައް ހުއްޓިފައި އޮތް ތަން ކަމަށެވެ. ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއުތަކާއި މަގު ހެދުމުގެ މަޝްރޫއު އާއި ބަނދަރުގެ އިތުރުން ސްކޫލުތަކުގެ މަޝްރޫއުތައް ރައީސް ފާހަގަކުރެއްވިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ޕާޓީގެ ފަަރާތްތަކަށް ފައިސާ ދިނުމުގެ ނިޔަތުގައި ކަމަށް ރައީސް ތުހުމަތު ކުރެއްވިއެވެ. އެެހެންވެ އެޑްވާންސް ޕޭމަންޓު ނަގާފައި ކުރިއަށް ނުގޮސް ހުރި ވަރަށް ގިނަ މަޝްރޫއުތައް ހުރި ކަމަށް ރައީސް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ.
''އަޅުގަނޑުމެން އައިސްފައި މަސައްކަތް ފެއްޓެވީ، އެކަމަކު ވާހަކަ ދައްކަނީ ތިމަންނަމެންގެ ސަރުކާރުގައި ފަށާފައި ހުރި މަޝްރޫއުތައް އަޅުގަނޑުމެން ހުއްޓާލީއޭ، މިއީ ރައްޔިތުން ސަމާލުވާން ޖެހޭ ކަމެއް، މިއީ ދޮގު ހަދާ ގޮތަކީ އެ ބޭފުޅުން، މިގޮތަށް ކަންކަމުގެ ހަގީގަތް އޮޅުވާލަމުން ދަނީ'' ރައީސް މުއިއްޒު ވިދާޅުވިއެވެ.
މި ސަރުކާރުން ވެރިކަމާއި ހަވާލުވީ ތަރައްގީ ގެނެސްދިނުމަށް ކަމަށާއި ވައުދުވީ ހުރިހާ ރަށެއްގައި ހުރިހާ މަޝްރޫއުއެއް ހިންގުމަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މަޝްރޫއުތައް ހުއްޓާލިކަމަށް ވާހަކަ އަކީ ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް ދައްކާ ވާހަކަތަކެއް ނޫން ކަމަށެވެ.
މީގެ ކުރިންވެސް މަޝްރޫއުތަކާއި ގުޅޭ ގޮތުން ޕޯޑިއަމްތަކުގައި ރައީސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުންނަމަ މި ސަރުކާރުން މިހާރުވެސް 500 އަށްވުރެ ގިނަ މަޝްރޫއު ކުރިއަށް އެބަގެންދެއެވެ.
ޙެޔޮނުވާނެ އިއްޒަތްތެރި ރައީސް! މިއޮއްފަދަ ރަމަޅޯން މަހެއްގައި ތިޔަފަދަ އިތުރުފުޅު ހައްދަވާން! މަގޫދޫ އެއާޕޯޓުގެ މަސައްކަތް ނުހުއްޓުވަންތޯ؟