އެންޓި ޑިފެކްޝަން ބިލު، ގާނޫނު އަސާސީއަށް ފެތޭތޯ ޔަގީންކުރަން ގާނޫނީ ލަފާއަށް އެދިއްޖެ
ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ، ގޮނޑި ގެއްލޭނެ ގޮތަށް ފާސްކުރި ''އެންޓި ޑިފެކްޝަން'' ބިލު ގާނޫނު އަސާސީއަށް ފެތޭތޯ ޔަގީންކުރަން ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ ލަފަޔަށް ރައީސް ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
މި މަހުގެ އެއް ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި އިދިކޮޅު މެޖޯރިޓީ އޮންނަ އެމްޑީޕީން އެ ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 33 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދެއްވެވީ ހަ މެންބަރުންނެވެ.
އެންޓި ޑިފެކްޝަން ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް ފޮނުވާލައްވާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްޑީޕީން ދަނީ ބުނަމުންނެވެ. ބިލު ތަސްދީގުނުކުރެއްވުމަކީ ޑިމޮކްރަސީއަށް އެޅޭ ހުރަހެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފައެވެ.
މިއަދު ޕީއެންސީ/ޕީޕީއެމުން މަޖިލީސް އިންތިހާބު ވަމުންދާ ތައްޔާރީތަކާއި ގުޅޭ ގޮތުން ބޭއްވި ޕްރެސް ބްރީފިންގައި ނޫސްވެރިއަކު ވަނީ އެކަމާއި ގުޅޭ ގޮތުން ސުވާލުކޮށްފައެވެ.
ޖަވާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މަޖިލީހުން ފާސްކުރި ބިލުގެ 'ހާޑް ކޮޕީ'' ރައީސް އަށް ލިބިވަޑައިގެންފައިވަނީ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހު ކަމަށެވެ. ބިލެއް ތަސްދީގު ކުރެއްވުމުގެ ކުރިން ގާނޫނީ ލަފާ ހޯއްދެވުމުގެ ފުރުސަތު ރައީސަށް ލިބިވަޑައިގަންނަވައެވެ. އެހެންވެ މިހާރު ކުރިއަށް ދަނީ އެ މަސައްކަތް ކަމަށް ރައީސް އޮފީހާ ހަވާލާދީ އެންސްޕާގެ ސީއީއޯގެ މަގާމުވެސް އަދާކުރައްވަމުން ގެންދަވާ ހީނާ ވިދާޅުވިއެވެ.
އެ ބިލު ތަސްދީގު ކުރެއްވުމަށް ގާނޫނީ ލަފާ ހޯއްދުމުގެ ފުރުސަތު ރައީސަށް ލިބޭ، މިހާރު އެ މަރުހަލާ ކުރިއަށްދާ ކަމަށް މައުލޫމާތު ލިބިވަޑައިގަންނަވަނީ
ގާނޫނު އަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން މަޖިލީހުން ފާސްވާ ކޮންމެ ބިލެއް ފާސްވާތާ ހަތް ދުވަހުގެ ތެރޭގައި އެ ބިލު ތަސްދީގުކުރުމަށްޓަކައި ރައީސަށް ފޮނުވާންވާނެއެވެ.
އަދި ރައީސް، އެ ބިލު ލިބޭތާ ފަނަރަ ދުވަހުގެ ތެރޭގައި ބިލު ތަސްދީގު ކުރާންވާނެއެވެ. ނުވަތަ އެ ބިލާމެދު އަލުން ވިސްނުމަށް ނުވަތަ އެ ބިލަށް ގެންނާން ރައީސަށް ފެންނަ އިސްލާހަކާމެދު ވިސްނުމަށް އެ މުއްދަތުގެ ތެރޭގައި އެ ބިލު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވާންވާނެ ކަމަށްވެސް އެ މާއްދާގައިވެއެވެ.
އެ ތާރިހު ހަމާވާނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. ފާސްކުރި ބިލުގައި މެންބަރުންގެ ގޮނޑި ހުސްވެދާނެ ހާލަތްތައް ބަޔާކޮށްފައިވެެއެވެ.
މަޖިލީހުގެ މެމްބަރުންގެ ގޮނޑި ހުސްވާނެ ހާލަތްތައް:
1- ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި، އެކަން އިލެކްޝަންސް ކޮމިޝަންގައި ދަފުތަރުވުމުން
2- ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުކުރުމުން
3- އަމިއްލަ ގޮތުން އިންތިހާބު ވެފައިވާ މެންބަރަކު އެމީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގުމުން
ޕާޓީން މެންބަރަކު ވަކިކުރާ ހާލަތުގައި އަމަލު ކުރާނެ ގޮތް:
1- މެންބަރަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެ މެންބަރަކު އިންތިހާބުވި ޕާޓީގެ މެންބަރުކަމުން ވަކިކުރަން އެ ޕާޓީއަކުން ނިންމައިފިނަމަ އެ ދުވަހަކުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ ޕާޓީގެ ނިންމުމާ ގުޅޭގޮތުން ކޯޓަށް މައްސަލަ ހުށަހެޅުމުގެ އިހްތިޔާރު އެ މެންބަރަކަށް ލިބިގެންވޭ
2- އެ މެންބަރަކު ޕާޓީން ވަކި ކޮށްފައި ވަނީ ރަނގަޅަށް ކަމަށް ކޯޓުން ނިންމައިފިނަމަ އެ މެންބަރަކު އެ ސިޔާސީ ޕާޓީއެއްގެ މެންބަރުކަމުން ވަކިވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގުން
3- ހަތް ދުވަހުގެ މުއްދަތުގައި މެންބަރަކު ޕާޓީއަކުން ވަކި ކުރުމަށް ނިންމާފައިވާ ނިންމުމާ ގުޅޭގޮތުން ކޯޓަށް މައްސަލައެއް ހުށަހަޅާފައި ނުވާނަމަ، އެ މެންބަރަކު އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ވަކި ވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގުން
މި ބިލުގައި ބުނެފައިވާ ގޮތުން މިއިން ހާލަތެއް މެދުވެރިވެއްޖެނަމަ ލަސްވެގެން ހަތް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގަންވާނެއެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މީހަކު މަޖިލިސް މެންބަރުކަމުން އިސްތިއުފާދޭންވާނެ ކަމަށް ބުނެފައިވެއެވެ.
މަޖިލީހަށް ރއްޔިތުން ހޮވާ މެމްބަރުން ވަކިވާ ގޮތް ގާނޫނުއަސާސީގަ ލިޔެވިފާވޭ.އިތުރުގޮތެއް ވެސް ލިޔެވޭނީ ގާނޫނުއަސާސީގަ.މަޖިލީހުން ފާސް ކުރާ ގާނޫނަކުން އެކަމެއް ނުކުރެވޭނެ.ރައީސް މިގާނޫނު އަބުރާ ފޮނުވުމުގެ ކުރިން ބަންޑާރަނާއިބު މެދުވެރި ކޮށް ސްޕްރީމްކޯޓް ގެ ލަފާ ހޯދުމަށް ހުށަހެޅިދާނެ.