ޚަބަރު

އަބްދުއްރަހީމް، މަޖިލިސް ރައީސްކަން ލިބޭނެ ކަމުގެ ޔަގީންކަން

އަލީ ސަމާޙް ، ދެން އޮންލައިން
ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ

އަންނަ މޭ މަހުގެ 28 ގައި ހުވާކުރާ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ވޯޓު ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސް މުޝީރު އަބްދުއްރަހީމް އަބްދުﷲ ރޭ ދެއްވައިފިއެވެ.

Ads by STELCO

ފޮނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުއްރަހީމް އެ ޔަގީންކަން ދެއްވީ، އިންތިހާބުގައި ހޯއްދެވި ކާމިޔާބީ ފާހަގަކުރަން ރޭ އެ ރަށުގައި ބޭއްވި ޖަލްސާގައެވެ.

ހަތަރު ކެންޑިޑޭޓުންނާ ވާދަކުރައްވާ ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބުކުރެއްވި އަބްދުއްރަހީމް ވިދާޅުވީ ފުރަތަމަ ފަހަރަށް ކެބިނެޓަށް ހައްދުންމަތީގެ ދެ ބޭފުޅުން އައްޔަންކުރުމާއެކު އެ އަތޮޅުގެ ސިޔާސީ ތާރީހު ބަދަލުވެފައިވާ ކަމަށެވެ. ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އާއި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ނިސްބަތްވެވަޑައިގަންނަވަނީ ފޮނަދޫ އަށެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އެ ދެ ވަޒީރުންނަކީ މި ސަރުކާރުގެ އެންމެ ބާރުގަދަ ވަޒީރުންނަށްވާއިރު މި ސަރުކާރު ދެމެހެއްޓުމުގައި ފޮނަދޫ ރައްޔިތުންނަށްވުރެ ވަކިން ގަދައަޅާ މަސައްކަތް ކުރަން ޖެހޭ ބަޔަކު ނެތެވެ.

އެއަށް ފަހު މީގެ ކުރިން ފޮނަދޫ ދާއިރާގެ މެންބަރުކަން ދެ ދައުރުގައި ކުރައްވާފައިވާ އަބްދުއްރަހީމް ވިދާޅުވީ  މާ ލަސްތަކެއް ނުވެ އަނެއްކާވެސް ހައްދުން މަތީގެ ތާރީހު ބަދަލުވެގެންދާނެ ކަމަށެވެ.

''އިރާދަކުރެއްވިއްޔާ އަދި މިއަށްވުރެ މާ އުފާވެރި ރެއެއް އަޅުގަނޑުމެންނާ ބައްދަލުކުރާނެ. އެ ވާހަކައިގެ ތަފުސީލަކަށް އަޅުގަނޑު ނުދާނަން. އެކަމަކުވެސް އިރާދަކުރެއްވިއްޔާ މާލަހެއް ނުވެ އަނެއްކާވެސް ހައްދުންމަތީގެ ތާރީހު ބަދަލުވެގެންދާނެ ކަމުގެ އުފާވެރި ހަބަރުދެމުން އަޅުގަނޑުގެ ވާހަކަ ނިންމާލާނީ'' ޕީއެންސީގެ ޗެއާޕާސަންގެ މަގާމުވެސް އަދާކުރައްވަމުން ގެންދަވާ އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީއެންސީ/ޕީޕީއެމް ޓިކެޓުގައި މަޖިލީސް އިންތިހާބު ކާމިޔާބު ކުރީ 66 ކެންޑިޑޭޓުންނާއެކު ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަމެޖޯރީޓީ ހޯދާފައެވެ. ސަރުކާރުގެ ތާއިދާ އެކު އަމިއްލަ ގޮތުން ވާދަކޮށް ކާމިޔާބުކުރި ކެންޑިޑޭޓުންނާއެކު ސަރުކާރަށް ތާއިދުކުރާ މެންބަރުންގެ އަދަދު 77 އަށް އަރާފައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވާދަކުރި ދާއިރާތަކަށް ޕީއެންސީން ވާދައެއް ނުކުރެއެވެ. ސަރުކާރުން ތާއިދުކުރީ މި ތިން ސިޔާސީ ލީޑަރުންނަށެވެ. ވެލިދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ކެންޑިޑޭޓަކު ވާދަކުރި ނަމަވެސް އެމްޑީއޭގެ ޓިކެޓުގައި އިންތިހާބުވި މުހައްމަދު އައްބާސް އަށް ސަރުކާރުން ތާއިދުއޮތެވެ.

ސަރުކާރުން ލަފާކުރާ ގޮތުން މަޖިލީހުގައި ސަރުކާރާއެކު 80 މެންބަރުން މަސައްކަތްކުރާނެއެވެ. 80 މެންބަރުން ސަރުކާރާއެކު ތިބޭނެނަމަ މަޖިލީހުގައި ސަރުކާރާ ދެކޮޅަށް ތިބޭނީ ވާދަވެރި އެމްޑީޕީގެ 12 މެންބަރުންގެ އިތުރަށް އަމިއްލަ އެންމެ މެންބަރެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!