ޚަބަރު އިޖުތިމާޢީ

ޗިކުންގުންޔާގެ 59 ކޭސް، މިނިސްޓަރު އެދިލެއްވީ ސަމާލުވާން

ފައިނާ ފާއިޒް ، ދެން އޮންލައިން
ހެލްތު މިނިސްޓަރު އަބްދުﷲ ޚަލީލު

މި މަހު އެކަނިވެސް މާލެ ސަރަހައްދުން ޗިކުންގުންޔާގެ 59 ކޭސް ރިޕޯޓްކުރެވިފައިވާ ކަމަށާއި، ހާއްސަ ފިޔަވަޅުތަކެއް ނާޅައިފިނަމަ އެ ބަލި ފަތުރާ މަދިރި އުފެދޭ މިންވަރު އިތުރުވާނެ ކަމަށް ވިދާޅުވެ ސަމާލުވާން ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިލްތިމާސްކޮށްފިއެވެ.

Ads by Sosun Fihaara

'އެކްސް' ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ހަލީލު ވިދާޅުވީ ރާއްޖޭގައި މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

އެގޮތުން، މި މަހު އެކަނި މިހާތަނަށް މާލޭ ސަރަހައްދުން 59 ވޭދަނަ ރިޕޯޓުކޮށްފައިވޭ

މިނިސްޓަރު ވިދާޅުވީ، ޗިކުންގުންޔާ އާއި ޑެންގޫ ފަދަ މަދިރީގެ ޒަރީއްޔާ އިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ މަދިރި އާލާވާ ތަންތަން ނައްތާލުން ކަމަށެވެ. އެހެންވެ އެކަމަށް ހާއްސަ ސަމާލުކަން ދިނުމަށް ހަލީލް އިލްތިމާސްކުރެއްވިއެވެ. 

ޗިކުންގުންޔާ އަކީ ޑެންގީ ހުންފަތުރާ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ވައިރަލް ހުމެކެވެ. މި ބަލި ޖެހުމުން ހުޅުހުޅުގައި ރިއްސުމާއި ދުޅަވުން އަދި ހުން އައުން ފަދަ އުނދަގޫތައް ދިގު މުއްދަތަކަށް ދެމިގެންދެއެެވެ.

ޗިކުންގުންޔާގެ އަލާމަތްތަކުގެ ތެރޭގައި:

  • 39 ޑިގްރީ ސެލްސިއަސްއަށް ވުރެ ހުން ގަދަ ވުން
  • ގަދައަށް ބޮލުގައި އަދި ގައިގައި ރިއްސުން
  • ހުޅުހުޅުގައި ރިއްސުން
  • ހުޅުހުޅު ދުޅަވުން
  • ބަނޑުގައި ރިއްސާ މޭ ނުބައިކޮށް ހޮޑު ލެވުން
  • ގައިގައި ތަރް ބިހި ނުވަތަ ރޭޝް ނެގުން

މި ބަލީގެ އަސަރު އެންމެ ބޮޑަށް ކުރަނީ ބަނޑުގައި އޮންނަ ދަރިފުޅަށް މަންމަގެ ފަރާތުން އެ ބަލި ޖެހުމުންނާއި، ތުއްތު ކުދިން އަދި އުމުރުން ދުވަސްވީ މީހުންނާއި އެހެނިހެން ބަލި ތަހައްމަލު ކުރާ މީހުންނަށެވެ.

ބަލިން ރައްކާތެރިވުމަށް ބަލި ފަތުރާ މަދިރި އާލާވާ ތަންތަން ސާފުކޮށް ބެލެހެއްޓުން ވަރަށް މުހިއްމެވެ. އެގޮތުން ހާމައަށް ފެން ހަރުލާފައި ހުންނަ އެއްޗެހިން ފެން ހުސްކޮށް މަދިފަނި ނައްތާލުން އަދި ހެނދުނާއި ހަވީރު މަދިރި އެންމެ ގިނަ ވާ ވަގުތު ވީހާވެސް ނިވާކަން ބޮޑުކޮށް ފޭރާން އެޅުމަށް ސަމާލުކަން ދީ މަދިރި ސްޕްރޭ ނުވަތަ ލޯޝަން ބޭނުން ކުރުމަށް ހެލްތު މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފައިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!