ދައުލަތުގެ ބަޖެޓުން ނޫސްމީޑިއާތަކަށް ވަކި އިނާޔަތެއް ދެނީ
ދައުލަތުގެ ބަޖެޓުން ނޫސްމީޑިއާތަކަށް ކަނޑައެޅޭ ވަކި އިނާޔަތެއް ދިނުމަށް މި ސަރުކާރުން ނަގާފައިވާ އިސްނެންގެވުން ހަގީގަތަކަށް ހައްދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ. ރައީސް ވިދާޅުވީ، ގައުމެއްގެ ދެމިއޮތުމާއި ކުރިއެރުމުގައި ނޫސްވެރިންގެ ބައިވެރިވުމާއި ހިދުމަތް މުހިންމު ކަމަށެވެ.
ހަބަރު ހޯދައި ފޯރުކޮށްދިނުމާއި މުޖުތަމައު ހޭލުންތެރިކުރުވުމާއި، ރައްޔިތުންނާއި ސަރުކާރާދެމެދު ގުޅުވައިދީ، ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމުގައި ނޫސްވެރިންގެ ދައުރު ފާހަގަކުރައްވާ، ނޫސްވެރިންގެ ހުށަހެޅުންތަކާއި، އުންމީދުތައް ދެނެގަނެ، އެކަންކަން ހަގީގަތަކަށް ހަދައިދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން، ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ލިބޭ އެއްޗަކުން ދެކޮޅު ޖެހޭނެ އާމުދަނީއެއް ހޯދަން އޮތް ދަތިކަން ކަމަށާއި، އެކަމަށް ހައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ލިބޭ އެއްޗަކުން ދެކޮޅު ޖެހޭނެ އާމްދަނީއެއް ހޯދަން އޮތް ދަތިކަން. ދައުލަތުގެ ބަޖެޓުން ނޫސްމީޑިއާތަކަށް ކަނޑައެޅޭ ވަކި އިނާޔަތެއް ދިނުމަށް އަޅުގަނޑުމެން ވާނީ އިސްނަގައިފަ. ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރާ އަޣްލަބިއްޔަތެއް އޮތް ރައްޔިތުންގެ މަޖިލީހަކާއެކު އިރާދަކުރެއްވިއްޔާ މި އިސްނެގުމުގައި ހަގީގީ ކުލަ ޖައްސާނަން،"
މީގެއިތުރުން، ރައީސް ވިދާޅުވީ، ނޫސްވެރީން މަސައްކަތްކުރާނެ އޮފީސް ޖާގަ އަގުހެޔޮކޮށް ލިބޭނެ މީޑިއާ ވިލެޖެއް ބިނާކުރުމާ، އެކި ދާއިރާތަކުން ތައުލީމާ ތަމްރީނުގެ ފުރުސަތު މީޑިއާތަކަށް އިތުރުކޮށްދެއްވާނެ ކަމަށެވެ. އަދި ހަބަރު ފެތުރުމުގެ ދާއިރާ ކުރިއަރުވަން އުފައްދާފައިވާ ބައިނަލްއަގްވާމީ ޖަމާއަތްތަކާ ދިވެހި ނޫސްވެރީންނާ ގުޅުން ބަދަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ، ޓީވީ، ރޭޑިއޯ، ކަރުދާސް އަދި އިންޓަނެޓާ ޒަމާނީ ޓެކްނޮލޮޖީއާއެކު ކުރިއަރަމުން އަންނަ ހުރިހާ ބާވަތެއްގެ ނޫސްވެރިކަމަށްވެސް ފަހި މާހައުލެއް ރާއްޖޭގައި ދެމެހެއްޓުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.