ކޮވިޑް19: ރެއެއް ދުވާލެއް ބެލުމެއް ނެތި މަސައްކަތް ކުރަމުންދިޔަ ސައުދީ ނަރުހެއް ނިޔާވެއްޖެ

ސައުދީ އަރަބިއްޔާ: އުޙުދު ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ 49 އަހަރުގެ ފިރިހެން ނަރުހެއް ކަމަށްވާ އަލް އުތައިބީ ކޮވިޑް ޖެހިގެން ނިޔާވެއްޖެއެވެ.
މަދީނާގެ ހެލްތު ޑިޕާޓްމަންޓާއި ހަވާލާދީ މީޑިއާތައް ރިޕޯޓްކޮށްފައިވާ ގޮތުގައި 25 އަހަރު ޚިދުމަތުގައި ދެމިހުރި އަލްއުތައިބީ ގެންދިޔައީ ރެއެއް ދުވާލެއް ބެލުމެއް ނެތި ، ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދެމުންނެވެ. އުތައިބީއަށް ކޮވިޑް ޖެހުނީ އެ ބަލިމީހުންގެ ފަރާތުން ކަމަށް ވެސް ހެލްތު ޑިޕާޓްމަންޓުން ބުނެފައިވެއެވެ.
އަލްއުތައިބީ ނިޔާވިއިރު އޭނާގެ ދެކުދިންނާއި އަތްބެއް ދުނިޔޭގައި އެބަތިއްބެވެ. އުތައިބީއަށް ލިބުނު ތިން ކުދިންގެ ތެރެއިން އެެންމެ ދޮށީ ފިރިހެން ދަރިފުޅު ވަނީ އެކްސިޑެންޓެއްގައި ދުނިޔެ ދޫކޮށްފައެވެ.
މިއީ ސައުދީ އަރަބިއްޔާގައި މަރުވި ތިންވަނަ ޞިއްޙީ ޚިދުމަތްތެރިޔާއެވެ. މީގެ ކުރިން ސައުދީގެ ނަރުހަކާ އެގައުމުގައި މަސައްކަތް ކުރާ ފިލިޕީންސް ނަރުހެއް ވެސް ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ.