ޚަބަރު

ކައުންސިލަށް އާމްދަނީ ހޯދަން ވިލިގިލިފަރު ފިނޮޅު 10 އަހަރަށް ކުއްޔަށް ދީފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ބ. އަތޮޅުގެ ފިނޮޅެއް، - ފޮޓޯ: އާދަމް ހަލީމް

ބ. ވިލިގިލިފަރު ފިނޮޅު 10 އަހަރު ދުވަހަށް ކުއްޔަށް ދީފިއެވެ.

Ads by Sosun Fihaara

ބ އަތޮޅު ކައުންސިލުން ބުނީ، އެ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ފިނޮޅުތައް 10 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނަށް ޝައުގުވެރިކަން ފާޅުކޮށް، ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން، އެ ފިނޮޅަށް ހުށަހެޅި ޕްރޮޕޯސަލް ކާމިޔާބު ކުރި ފަރާތަށް ވިލިގިލިފަރު ފިނޮޅު ހަވާލުކޮށްފައިވާ ކަމަށެވެ.

ދިގުމުއްދަތަށް ފިނޮޅު ކުއްޔަށް ދިނުމަށް ނިންމީ ދިގުމުއްދަތަށް ކުއްޔަށް ދީގެން ކައުންސިލްގެ މާލީ ހާލަތު ރަނގަޅުކުރެވޭނެ ކަމަށް ފެންނާތީ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

އެތަން ކުއްޔަށް ދޫކޮށްފައިވަނީ 1 މެއި އިން ފެށިގެން 10 އަހަރު ދުވަހުގެ ނިޔަލަށް މުހްދިން އާމިރު، މއ. ފްރީޕާކް / މާލެ އަށެވެ. އެ ކައުންސިލުން ބުނީ، އެ ފިނޮޅަށް އެރައި، ފިނޮޅު ބޭނުންކުރަންވާނީ، އެފަރާތުގެ ހުއްދަ ހޯދުމަށްފަހު ކަމަށެވެ.

ވިލިގިލިފަރު ފިނޮޅުގެ އިތުރުން، ނުރައުފުރިފަރު ފިނޮޅާއި، ގިރާވަރު ފިނޮޅު 01 (އިރުމަތީ ފިނޮޅު) އަދި ގިރާވަރު ފިނޮޅު 02 (ހުޅަނގު ފިނޮޅު) ކުއްޔަށް ދިނުމަށް ވެސް އެ ކައުންސިލުން ވަނީ އިއުލާނު ކޮށްފައެވެ. މި ހަތަރު ފިނޮޅު ވަގުތީގޮތުން ބެލެހެއްޓުމަށް 2022 ވަނަ އަހަރުވެސް ތިން ފަރާތަކާއި ހަވާލުކުރިއެވެ. އެ ކައުންސިލުން ބުނިގޮތުގައި އެއް އަހަރު ދުވަހުގެ ނިޔަލަށް އެ ފިނޮޅުތައް ބެލެހެއްޓުމަށް ހަވާލުކުރީ ލަނޑާގިރާވަރު ޕްރައިވެޓް ލިމިޓެޑަށާއި ތިލަދޫ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އަދި އެމްޕަޔަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށެވެ.

ގިރާވަރު ދެ ފިނޮޅު ބެލެހެއްޓުމަށް ލަނޑާގިރާވަރު ރިސޯޓާ ހަވާލުކުރީ 1.8 މިލިއަން ރުފިޔާއަށެވެ. ވިލިގިލިފަރު ފިނޮޅު 360،000 އަށް އެމްޕަޔާ އިންވެސްޓްމަންޓާ ހަވާޅުކުރިއިރު ނުރައުފުރިފަރު ތިލަދޫ ރިސޯޓްސްއާ ހަވާލުކުރީ 127،492.56 ރުފިޔާ އަށެވެ. މި 4 ފިނޮޅު ކުއްޔަށް ދީގެން މީގެ ކުރިން އަހަރަކު 2.4 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ހޯދާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!