ތުރުކީގެ ސަފީރުގެ މަގާމަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފު އައްޔަނު ކުރަން ސަރުކާރުން ނިންމައިފިއެވެ.
ސިފައިންގެ ޗީފު ކަމުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް ރިޓަޔާކުރެއްވީ ނިމިދިޔަ އޭޕްރިލް މަހުގެ 17 ވަނަ ދުވަހުއެވެ.
ސަރުކާރުން އަބްދުއްރަހީމް ތުރުކީގެ ސަފީރުގެ މަގާމަށް އައްޔަނުކުރަން ނިންމިކަމުގައި ވީނަމަވެސް އެމަނިކުފާނަށް ސަފީރުކަން ލިބިވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބުމުންނެވެ.
އަބްދުއްރަހީމް ސިފައިންގެ ހިދުމަތާ ގުޅިވަޑައިގެންނެވީ 18 ފެބްރުއަރީ 1985ގަ އެވެ. އޭނާ ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރެއްވީ 39 އަހަރު ސިފައިންގެއަށް ހިދުމަތް ކުރެއްވުމަށްފަހު، އުމުރުން 60 އަހަރު ފުރުމުންނެވެ.
ސިފައިންގެ ޚިދުމަތުގައި އެމަނިކުފާނު ވަނީ ސިފައިންގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ސިފައިންގެ ތަފާތު ދާއިރާތަކުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ. މީގެ ތެރޭގައި، ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ކޮށްދެއްވާފައިވާ އިޚުލާޞްތެރި އަގުހުރި ޚިދުމަތް ފާހަގަކޮށްލެވެއެވެ. އަދި ސިފައިންގެ ޚިދުމަތުގައި ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރު އެތައް ތަމްރީނުތަކެއް ފުރިހަމަކުރައްވާފައިވާއިރު، އެމްއެންޑީއެފްގެ ވަރަށްގިނަ ސްޓާފް އެޕޮއިންޓްމަންޓްތަކާއި ކޮމާންޑް އެޕޮއިންޓްމަންޓްތައް ވަނީ ފުރުއްވާފައެވެ.
ޢަބްދުއްރަޙީމް ދިވެހި އަސްކަރިއްޔާއަށާއި ދިވެހި ޤައުމަށް ކޮށްދެއްވި ޚާއްޞަ ޚިދުމަތްތަކުގެ ތެރޭގައި، 1988 ނޮވެންބަރު 3 ވަނަ ދުވަހު ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއަށްފަހު ސިފައިން ކުރިއަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަންގައި ޢަމަލީގޮތުން ހަރަކާތްތެރިވެ ވަޑައިގަތުމާއި، 2004 ޑިސެންބަރު 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ދިވެހި އަސްކަރިއްޔާއިން ކުރިއަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަންގައި އަމަލީ ގޮތުން ހަރަކާތްތެރިވުން ހިމެނެއެވެ.
ޢަބްދުއްރަޙީމް ދިވެހި އަސްކަރިއްޔާގައި ކުރައްވާފައިވާ އިޚްލާޞްތެރި ޚިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތައް އަދި ސާބިތުކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަދަބު އަޚްލާޤުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 12 މެޑެއްޔާއި 11 ކުލައެއް ލިބިވަޑައިގެންފައިވެއެވެ. އަދި 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚުލާޞްތެރިކަމާއެކު ދިވެހި ދައުލަތަށް ޚިދުމަތްކުރައްވައިގެން، 2021 ވަނަ އަހަރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ހާސިލުކުރައްވާފައެވެ.
މި ސަރުކާރުން އަންނަނީ ރާއްޖެއާއި ތުރުކީއާއި ދެމެދުއޮތް ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ރާއްޖެއާއި ތުރުކީއާ ދެމެދު މިނިވަން ވިޔަފާރީގެ އެެއްބަސްވުމެއް ގާއިމުކުރުމުގެ މަސައްކަތް ދެ ގައުމުންވެސް އަންނަނީ ކުރަމުންނެވެ.