ޚަބަރު ސަރުކާރު

ޒަކާތު ހައުސްއިން ވައްކަމެއް ނުކުރެވޭނެ، އުސޫލުތައް ހަރުދަނާ ވާނެ: ވަޒީރު

  • ބޭނުން ވިޔަސް އެއްވެސް ވެރިޔަކަށް ޒަކާތުން ވައްކަމެއް ނުކުރެވޭނެ
  • ގައްޒާއަށް 1 ލައްކަ ޑޮލަރުގެ އެހީ ފޯރުކޮށްދިނުމުގެ ފަހު މަރުހަލާ ދަނީ ކުރިއަށް
  • ޒަކާތާއި ގުޅިގެން ރައީސް ވެވަޑައިގެންނެވި ވައުދު ފުއްދިއްޖެ
އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އިސްލާމީ ކަންކަމާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މުޅިން އަލަށް އުފެއްދި ޒަކާތު ހައުސްއިން ވައްކަން ނުކުރެވޭނެ ކަމަށާއި އެތަނުގެ އުސޫލުތައް ހަމަޖެހިފައިވަނީ އެއަށްވުރެއް ހަރުދަނާކޮށް ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

އިސްލާމިކް މިނިސްޓްރީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ ޒަކާތު ހައުސްއެއް އުފައްދައި އެތަނަށް ވަކިން ވެރިން ހަމަޖެއްސުމުގެ ބޭނުމަކީ ތަން ހަރުދަނާ އިންތިޒާމުތަކެއްގެ ތެރެއިން ހިނގާނެ ގޮތްތަކެއް ހޯދުން ކަމަށެވެ. އަދި މިހާތަނަށް އައިއިރު އެތަނުގެ މަސައްކަތްތައް ކުރިއަށް ދަނީ ވަރަށް އިހްލާސްތެރިކަމާއި އެކީގައިކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ.

"މިނިސްޓަރަކަށް ހުންނަ މީހަކަށް، އޮފީހުގެ ވެރިއަކަށް ހުންނަ މީހަކަށް ޒަކާތަކުންނެއް ވައްކަމެއް ނުކުރެވޭނެ. އެއީ އެއްވެސް އިރެއްގަ ކުރެވޭ ކަމެއް ނޫން. އަދި އަމުދުން މިހާރު ނުކުރެވޭނެ. އެއީ ވައްކަން ކުރެވޭ ގޮތަށް ތަރުތީބު ކުރެވިފަ އޮންނަ ކަމެއް ނޫން އެއީކީ" ވަޒީރު ވިދާޅުވި އެވެ.

ޒަކާތު ފަންޑުން ވައްކަން ކުރާކަމުގެ ތުހުމަތުތައް ސިޔާސީ ގޮތުން މިސަރުކާރާއި އިދިކޮޅު ފަރާތްތަކުން ކުރަމުން ދާކަމުގެ ތުހުމަތުތަކަށް ވަޒީރު ރައްދު ދެއްވައި ވިދާޅުވީ އުސޫލުތައް ތަރުތީބުކޮށްފައިވާނީ އެއްވެސް މުވައްޒަފަކު ބޭނުންވިޔަސް ވައްކަން ނުކުރެވޭނެ ގޮތަށްކަމަށެވެ.

އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާގެ ވެރިން ނޫސްވެރިންނާ ބައްދަލުކުރައްވަނީ

މީގެ އިތުރުން ޑރ. ޝަހީމް ވަނީ ޒަކާތު ހައުސްގެ ފަރާތުން މުޅިން އަލަށް ބޭރު ގައުމަކަށް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރުވަމުން ދާކަމަށް ކުރިން ވިދާޅުވި ވާހަކައިގެ ތަފްސީލުތައް ހާމަކުރައްވައިފަ އެވެ. އެގޮތުން ވިދާޅުވީ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް 1 ލައްކަ ޑޮލަރު ޒަކާތު ހައުސްއިން ފޮނުވުމަށް ގަތަރުގެ ރެޑް ކްރެސެންޓާއިއެކު މިހާރު މަޝްވަރާ ކުރަމުން ދާކަމަށެވެ.

"ސިޓީބިޓީ ބަދަލު ކުރެވި، ފައިސާ ޓްރާންސްފާ ކުރުމުގެ މަރުހަލާ މިހާރު ކުރިއަށް ދަނީ. އިރާދަކުރެއްވިއްޔާ މިކަންތައް ރަސްމީކޮށް އެއޮންނަ އުސޫލުތަކުގެ ތެރެއިން، މިންގަނޑުތަކުގެ ތެރެއިން ކުރިއަށް ދަނީ." ޑރ. ޝަހީމް ވިދާޅުވި އެވެ.

ޣައްޒާއަށް ރާއްޖޭގެ ފަރާތުން ހަދިޔާ ކުރަން ނިންމާފައިވަނީ 1 ލައްކަ ޑޮލަރަށްވާ ކާބޯތަކެއްޗާއި އެނޫންވެސް އިންސާނީ އެހީ އެވެ. މިކަންކަން ކުރިއަށް ގެންދާނީ ގަތަރުގެ ރެޑް ކްރެސެންޓު މެދުވެރިކޮށެވެ.

ޒަކާތު ހައުސްއާއި ގުޅިގެން ރައީސް ޑރ. މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދު ފުއްދިފައިވާކަން ފާހަގަކުރައްވައި ޑރ. ޝަހީމް ވިދާޅުވީ އިސްލާމް ދީނުގެ އެއް ރުކުން ކަމުގައިވާ ޒަކާތައް ރާއްޖެ އިތުރަށް އަހުލުވެރި ކުރުވަން މަސައްކަތް ކުރިއަށް ދާކަމަށެވެ. އެގޮތުން ރާއްޖޭގެ ތިން ސަރަހައްދަކަށް މިހާރުވެސް ޒަކާތު ހައުސްއިން ދަތުރުކޮށްފައިވާއިރު ކުރިއަށް އޮތްތަނުގައި އެހެން ސަރަހައްދުތަކަށްވެސް އެ އިދާރާއިން ދަތުރު ކުރާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!