ބޭރު ސިފައިންގެ ބާރެެއް ރާއްޖޭގައި ނޯންނާނެ ކަމުގެ ޔަގީންކަން ދީފި

ސަރުކާރަށް އެއްވެސް އަސްކަރީ ބާރުވެރިކަމެއް ނޯންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ވަނީ ރާއްޖޭގެ މައްޗަށް އަސްކަރީ ބާރެއް މިހާރު ނޯންނާނެ ކަމާމެދު ސަރުކާރުން ކިހާ ޔަގީންކަމެއް ދެއްވާތޯ ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ދެއްވަމުން މިނިސްޓަރު ޣައްސާން ވިދާޅުވީ، ބޭރުގެ އަސްކަރީ ބާރުވެރިކަމެއް ރާއްޖޭގައި ނޯންނާނެ ކަމުގެ 100 އިންސައްތަ ޔަގީންކަންދޭ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.
ޣައްސާން މިފަދައިން ވިދާޅުވެފައިވާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުފުޅާ އެއްގޮތަށް ރާއްޖޭގެ ތިން ޕްލެޓްފޯމެއްގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލާފައިވާ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރް ޖެއިސްވާލް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ތިން ސަރަހައްދެއްގައި އިންޑިއާ ސިފައިން ގާއިމުވެތިބިއިރު މިދިޔަ މާރިޗު މަހު އެއް ޕްލެޓްފޯމު އަދި މިދިޔަ އޭޕްރިލް މަހު އަނެއް ޕްލެޓްފޯމުގައި ތިބި ސިފައިން ވަނީ ފޮނުވާލާފައެވެ. މިހާރު ފޮނުވާލާފައިވަނީ ތިންވަނަ ޕްލެޓްފޯމުގައި ތިބި ސިފައިންނެވެ.
އިންޑިއާގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުން އައީ އެ ޤައުމުން ހަދިޔާކޮށްފައިވާ ދެ ހެލިކަޕްޓަރާއި ޑޮނިއާއެއް ދުއްވައި، މެއިންޓަނަންސްގެ ކަންކަން ބެލެހެއްޓުމަށެވެ.