ވަޒީރުގެ ތައުރީފު ނަރުހުންގެ ކެތްތެރިކަމަށް

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހުގެ ތަހުނިޔާ، ސިއްހީ ކަންކަމާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ ހަލީލު ހުރިހާ ނަރުހުންނަށް ފޮނުއްވައިފި އެވެ.
ނަރުހުންގެ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަލީލު ވިދާޅުވީ ނަރުހުންނަކީ ކެތްތެރިކަމާއި ހިތްވަރާއިއެކު ރައްޔިތުންނަށް ދިމާވާ ކޮންމެ ހާލަތެއްގައިވެސް، އެއްވެސް ފަސްޖެހުމެއް ނެތި މަސްއޫލިއްޔަތު އަދާކުރުމުގައި ދެމި ތިބޭ ބައެއް ކަމަށެވެ.
މީގެ އިތުރުން ވަޒީރު ވަނީ އިންސާނިއްޔަތަށް ހިދުމަތް ކުރުމުގައި ޣާޒާގެ ސިއްހީ ހިދުމަތުގައި މަސައްކަތްކުރާ އެންމެހާ ނަރުހުންނަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުމަށްއެދި ﷲގެ ހަޒްރަތުގައި ދުއާ ދަންނަވައިފަ އެވެ.
ނަރުހުންގެ ދުވަހަށް އދ. އިން ކަނޑައަޅާފައިވާ މި އަހަރުގެ ޝިއާރަކީ "އަވަ ނާސަސް، އަވަ ފިއުޗާ. ދަ އިކޮނޮމިކް ޕަވަރ އޮފް ކެއާ" އެވެ. މާނައަކީ "އަހަރުމެންގެ ނަރުހުން. އަހަރުމެންގެ ކުރިމަގު. އަޅާލުމުގެ އިގްތިޞާދީ ބާރު" އެވެ.
އދ. އިން ވަނީ ސިއްހީ ފަރުވާ ދިނުމުގައި ހުރި ގޮންޖެހުންތަކާއިއެކުވެސް، ނަރުހުންނަށް ކުރިމަތިވާ މާލީ ދަތިތަކާއި މުޖުތަމައުގައި އެމީހުންގެ އަގު ދަށްވާކަން ފާހަގަކޮށްފަ އެވެ. އަދި ނަރުހުންގެ ދުވަހުގެ މަގްސަދަކީ މި ދާއިރާއަށް އިތުރަށް ހޭދަކުރުން ކަމަށާއި އޭގެ ސަބަބުން އިގްތިޞާދީ އަދި އިޖުތިމާއީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބޭނެކަމުގައި ކަމަށްވެސް އދ. އިން ވަނީ ބުނެފަ އެވެ.
ނަރުހުންގެ ތަސައްވުރު އަލުން ބައްޓަން ކުރުމަށްވެސް އދ. އިން ވަނީ އަމާޒު ހިފައިފަ އެވެ.