ވިލާ ހައި ސްކޫލްގެ ދަރިވަރުންނަށް ބަހުގެ ހިދުމަތް ތައާރަފް ކޮށްފި
ވިލާ އިންޓާނޭޝަނަލް ހައިސްކޫލްގެ ދަރިވަރުންނަށް ބަހުގެ ހިދުމަތް ތައާރަފް ކޮށްފިއެވެ.
ބަހުގެ ހިދުމަތް ދިނުމުގެ އެއްބަސްވުން ހަދާފައިވަނީ އަމު ޕްލަސް ކޮންސްޓްރަކްޝަނާއެވެ.
މިއަދު ބޭއްވުނު ރަސްމިއްޔާތުގައި އެއްބަސްވުމުގައި ވިލާ ހައި ސްކޫލްގެ ފަރާތުން ސޮއިކުރީ ސްކޫލުގެ ޕްރިންސިޕަލް، ސައީދު އަހުމަދެވެ. އަދި އަމު ޕްލަސް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރީ މުހައްމަދު އަފްރާހް އަބްދުލް ސައްތާރުއެވެ.
ޕްރިންސިޕަލް ސައީދު ވިދާޅުވީ މި ހިދުމަތް ފެށުމުގެ މަގްސަދަކީ ދަތުރުފަތުރު ކުރުމުގައި ސްކޫލްގެ ދަރިވަރުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ގެނައުން ކަމަށެވެ.
ބަހުގެ ހިދުމަތް ކުރިއަށް އޮތް ޖުލައި މަހުގެ 1 ވަނަ ދުވަހު ފެށުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށާއި މި ހިދުމަތް ވާނީ ދަރިވަރުންނަށް ފުރިހަމަ ސަލާމަތްތެރި އަދި ރައްކާތެރި ހިދުމަތެއް ކަމުގެ ޔަގީންކަން ސައީދު ވަނީ ދީފައެވެ.
"އުންމީދަކީ މިއީ ދަރިވަރުންނަށް ކުރިމަތިވެފައިވާ ދަތުރުފަތުރުގެ ދަތިތަކަށް ލިބިގެން ދާނެ ލުއިކަމެއްކަމަށް،" ސައީދު ވިދާޅުވިއެވެ.
29 ސީޓުގެ ބަހާއި އަދި އިތުރު 2 ވޭނާއި އެކު މި ހިދުމަތް ފަށަން ހަމަޖެހިފައި ވާއިރު މި ބަހަށް ދަރިވަރު އެރުމުން އެ ދަރިވަރެއްގެ ބެލެނެވިރިއަށް މެސެޖު ދާނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން ދަރިވަރު ދަތުރުކުރާ ބަަސް އޮތީ ކިހާ ހިސާބެއްގައިކަންވެސް ބެލެނެވިރިންނަށް "ފޮލޯމީ" މެދުވެރިކޮށް ބަލާލެވޭނެ ކަމަށްވެސް މި ރަސްމިއްޔާތުގައި ވަނީ ހާމަކޮށްފައިއެވެ.
ސައީދު އިތުރަށް ވިދާޅުވީ ދަރިވަރުންނަށް ލުއިފަސޭހަކޮށް ތައުލީމު އުނގެނުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ އެ ސްކޫލްގެ މައިގަނޑު އަމާޒުކަމަށެވެ. އަދި މި ބަހުގެ ހިދުމަތަކީ ދަރިވަރުންނަށް ލިބިގެން ދާނެ ލުއިފަސޭހަކަމެއްކަމަށް އުންމީދުކުރައްވާކަމެއް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.