ހަރުކަށި ވިސްނުމުގައި ތިބެ، ސީރިޔާގައި ހިނގަމުންދާ ދާހިލީ ހަނގުރާމާގައި ބައިވެރިވާން ގޮސް އުޅެނިކޮށް ހާލުގައި ޖެހިގެން އަނބުރާ ރާއްޖެ ގެނެސްފައިވާ ދިވެހިން ރިހެބިލިޓޭޓް ކުރުމުގެ ދެވަނަ މަރުހަލާ ފަށާފައިވާ ކަމަށް ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓާ (އެންސީޓީސީ) އިން މިއަދު ހާމަކޮށްފި އެވެ.
ސީރިޔާ ހަނގުރާމައިގައި ބައިވެރިވާން ދިޔަ ދިވެހިންގެ ތެރެއިން ފަސް އާއިލާއެއް (21 މީހުން) ފެބްރުއަރީ މަހު އަނބުރާ ރާއްޖެ ވަނީ ގެނެސްފައެވެ. އެއ 15 ކުޑަކުދިންނާއި، ފަސް އަންހެނުންނާއި ފިރިހެނެކެވެ. އެމީހުން މިހާރު ތިބީ ހިންމަފުށީގައި ހުންނަ ރިހެބިލިޓޭޝަން ސެންޓަރުގަ އެވެ.
އެންސީޓީސީން ކުރަމުންދާ މަސައްކަތުގެ އަދާހަމަ ހިއްސާކުރާ މި މަހުގެ 'ނިއުސްލެޓާ' ގައި ބުނީ، ސީރިޔާގެ ހަނގުރާމަވެރި ސަރަހައްދުތަކުން ރާއްޖެ ގެނައި ފަސް އާއިލާއެއް ރިހިބިލިޓޭޓް ކުރުމުގެ ދެވަނަ މަރުހަލާ ގޮންޖެހުންތަކާއި އެކުވެސް ނެޝަނަލް ރީ-އިންޓަގްރޭޝަން ސެންޓާ (އެންއާރްސީ) އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެ އާއިލާތައް ރިހިބިލިޓޭޓް ކުރާ ގޮތުގެ ތަފްސީލެއް ނުދެ އެވެ.
އަދި އޭގެ އިތުރުން އެންސީއާރުއާއި އެ ސެންޓަރާ ގުޅިގެން އެޖެންސީތަކުގައި މަސައްކަތްކުރާ ފެސިލިޓޭޓަރުންނާއި ތަޖުރިބާކާރުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ގިނަ ޕްރޮގްރާމްތަކެއް ހިންގަމުން އަންނަކަންވެސް އެންސީޓީސީއިން ފާހަގަކޮށްފައިވެ އެވެ.
އޭގެ އިތުރުން ރާއްޖޭގައި ރީ-އިންޓަގްރޭޝަން ކަނޑައެޅިފައިވާ ސަރަހައްދުތަކުގެ މުޖުތަމައުއަށް ސެންސިޓައިޒޭޝަން ޕްރޮގްރާމް ހިންގުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް އެންސީޓީސީން މައުލޫމާތުދެ އެވެ.
މީގެ ކުރިން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވާ ގޮތުގައި ސީރިޔާގައި ތިބި ދިވެހިންގެ އަދަދު ސާފުކޮށް ދަންނަވަން ނޭނގޭ ކަމަށެވެ. އެކަމަކު 100 އަށްވުރެ ގިނަ ބަޔަކު ނުވަތަ އާއިލާއެއް ދިރިއުޅެމުންދާ ކަމުގެ ރިޕޯޓް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.
ސީރިޔާގެ ދެ ކެމްޕޭއްގައި ދިވެހިން އެބަ ދިރިއުޅެއެވެ. އެތަންތަނުގައި އުޅެނީ ކިތައް ދިވެހިންތޯ ޔަގީންކުރެވޭނީ ޑީއެންއޭ ޓެސްޓު ހެދުމަށް ފަހު ކަމަށް ސަރުކާރުން މައުލޫމާތުދެ އެވެ.
ސީރިޔާގައި ތިބި ދިވެހިން އަނބުރާ ރާއްޖެ ގެނެވޭނެ ގޮތް ނުވަތަ އެތަންތަނުގައި ބައިތިއްބައިގެން ދިވެހި ރައްޔިތެއްކަން ކަށަވަރު ކުރެވޭނެ ގޮތްތައް ފޮރިން މިނިސްޓްރީން ދަނީ ބަލަމުންނެވެ.
އާބާދީގެ ނިސްބަތުން ބޭރުގެ ގައުމުތަކުގައި ހިނގާ ދާހިލީ ހަނގުރާމަތަކުގައި އެންމެ ގިނައިނ ބައިވެރިވަނީ ދިވެހިން ކަމަށް އެންސީޓީސީގެ ކުރީގެ ގެ ޑިރެކްޓާ ޖެނެރަލް، ޒަކަރިއްޔާ މަންސޫރު ވިދާޅުވެފައިވެ އެވެ.