ޚަބަރު އިޖުތިމާޢީ

ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތަކަށް ވަކި ވަގުތުތަކެއްގައި ކަރަންޓު ކަނޑައިލަނީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ކުޅުދުއްފުށި ސިޓީ މަތިން ނަގާފައިވާ ފޮޓޯއެއް/ ފޮޓޯ: ކުޅުދުއްފުށި ޕކްޗާސް

އިންޖީނަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ކުޅުދުއްފުށި ސިޓީގެ ބައެއް ސަރަހައްދުތަކަށް ވަކި ވަގުތުތަކެއްގައި ކަރަންޓު ކަނޑައިލަން ނިންމައިފި އެވެ.

Ads by STELCO

ކުޅުދުއްފުށީގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަނުން ބުނީ އެރަށުގައި ހުރި އިންޖީނަކަށް ދިމާވި މައްސަލައެއް ހައްލުކުރުމަށްޓަކައި ވަކި ސަރަހައްދުތަކުން އެކި ގަޑިތަކުގައި މިއަދު ކަރަންޓު ކަނޑާލާނެ ކަމަށެވެ.

އެގޮތުން، މިއަދު މެންދުރު 12:00 އިން ފެށިގެން މިރޭގެ 20:00 އާ ދެމެދު އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑާލާނެ ކަމަށް ފެނަކަ އިން ވަނީ ބުނެފަ އެވެ. ކޮންމެ ސަރަހައްދަކަށްވެސް އެންމެ ގިނަވެގެން ކަރަންޓު ކެނޑިފައި ހުންނާނީ އެއް ގަޑިއިރުގެ ވަގުތަކަށް ކަމަށް ފެނަކައިން ބުންޏެވެ.

މިދިޔަ މާޗު މަހުގެ ތެރޭގައިވެސް ކުޅުދުއްފުށި ސިޓީގެ ތިން ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން މުޅި ސިޓީން ވަނީ ކަރަންޓު ކެނޑިފަ އެވެ. އެދުވަސްވަރަކީ ރަމަޟާން މަސްކަމުން އެރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކަކާއި ކުރިމަތިލާންޖެހި އެރަށުގައި މުޒާހަރާވެސް ކުރި އެވެ.

ކުރިން ކުޅުދުއްފުށީ ސިޓީއަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކުރަން ސްޓެލްކޯގެ އެހީތެރިކަން ފެނަކައިން ހޯދި އެވެ. އިންޖީނުތަކަށް މައްސަލަ ދިމާވަނީ ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ފެނަކަ ކޯޕަރޭޝަނުން ކުޅުދުއްފުށީ އިންޖީނުތައް ރަނގަޅަށް މެއިންޓެއިންކޮށް ބަލަހައްޓާފައި ނުވުމުގެ ސަބަބުން ކަމަށް ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވަނީ ކުރިން ވިދާޅުވެފަ އެވެ.

ފެނަކައިން ބުނީ ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނަން މަސައްކަތް ކުރަމުން ދާކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!