ޚަބަރު ސަރުކާރު

"ޅެން ފަރުވާ" ގެ ނަން ފާސްކޮށް, ދިރާސާތައް ފަށަން ތައްޔާރުވެއްޖެ

އައިކާ ޔުނާން ، ދެން އޮންލައިން
މިނިސްޓަރު އާދަމް ނަސީރު: ވިދާޅުވީ ރައްޔިތުންނަށްވެސް މަގެއް ހެދުމުގެ ފުރުސަތު އޮތް ކަމަށް

ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ ފަރުވާ ދެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން "ޕޮއެޓްރީ ތެރަޕީ" އަށް ކިޔާނެ ދިވެހި ނަމެއް ފާސްކޮށް, އެކަމަށް ހަދަން ޖެހޭ ދިރާސާ ހަދަން ތައްޔާރުވެފައިވާ ކަމަށް ދިވެހިބަހާއި ސަގާފަތާ ގުޅޭ ވުޒާރާއިން ބުނެފި އެވެ.

Ads by MWSC

އެ ވުޒާރާއިން މިއަދު ބުނީ, ޕޮއެޓްރީ ތެރަޕީއަށް ކިޔާ ދިވެހި ނަމަކަށް ބަސް ކޮމިޓީއިން ނިންމާފައިވަނީ "ޅެންފަރުވާ" ކަމަށެވެ.

ދިވެހި ބަހުގައި އެ ނަމުގެ މާނައަކީ "ބަލި މީހާގެ އިހުސާސްތަކާއި އުދާސްތަކާއި ގުޅޭ ޅެންހެދުމާއި ކިޔުމާއި އަޑުއެހުމުގެ ތެރެއިން ނަފުސަށް ގެނެސްދޭ ތަސައްލީއެއް. ޒަމާނުއްސުރެ ހަޟާރަތްތަކުގައި ނަފުސީ ތަފާތު ބަލިތަކަށް ފަރުވާދިނުމުގައި ބޭނުންކުރަމުން އަންނަ ތަރީގާއެއް" ކަމަށް އެ ވުޒާރާއިން ބުނެފައިވެ އެވެ.

އެ ވުޒާރާއިން ބުނީ މި ނަން މިހާރު ބަސްފޮތުގައި ހިމަނައިފައިވާ ކަމަށެވެ.

ޅެންފަރުވާގެ އިލްމީ ދިރާސާތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެ ވުޒާރާއާ ގައުމީ ޔުނިވާސިޓީއާއެކު އެކުލަލާލެވިފައިވާ ފަހުމުނާމާގައި މި މަހުގެ 22 ވަނަ ދުވަހު ސޮއިކުރާނެ ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.

"މި ފަހުމުނާމާގެ ދަށުން ޅެންފަރުވާއާ ބެހޭ ޢިލްމީ ދިރާސާތައް ކުރުމާއި ދިވެހި ޅެންތައް ބޭނުންކޮށްގެން ނަފުސީ ތަފާތު ބަލިތަކަށް ދެވިދާނެ ފަރުވާގެ މިންވަރާއި ތަފާތު ބަލިތަކަށް ފަރުވާ ދިނުމުގައި ގެންގުޅޭނެ އުސްލޫބުތަކުގެ މައްޗަށް ދިރާސާތައް ކުރެވިގެންދާނެއެވެ." އެ ވުޒާރާއިން ބުނެފައިވެ އެވެ.

މީގެ އިތުރަށް، ދިވެހިބަސް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ ތަފާތު އެހެނިހެން ދިރާސާތައް ކުރުން ވެސް މި ފަހުމުނާމާގެ ދަށުން ކުރާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

ދިވެހި ޅެންވެރިކަން ބޭނުންކޮށްގެން ނަފްސާނީ ހާލަތްތަކަށް ފަރުވާ ދެވޭތޯ ބެލުމުގެ ދިރާސާއެއް ކުރައްވާނެ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އބްރާހީމް އިއުލާނު ކުރައްވާފައި ވަނީ މިއަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަކުރުމަށް ގދ.ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!