ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ އިންތިހާބީ މެންބަރު ޝާމިން ހަބީބު މިއަދު ޕީއެންސީއާ ގުޅިވަޑައިގެންފިއެވެ.
ޝާމިން އަކީ ކުރެންދޫ ދާއިރާއަށް މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި އިންތިހާބުވި ބޭފުޅެކެވެ. އޭނާ އިންތިހާބުވެފައިވަނީ، އެމްޑީޕީން ވާދަކުރި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޮ، އަދި ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒުއާއި، ޕީއެންސީގެ ޓިކެޓުގައި، ވާދަކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އާދަމް ތައުފީގާއި ވާދަކޮށް، ބޮޑު ފަރަގެއްގެ ތަފާތުކުންނެވެ.
ޝާމިންގެ އިތުރުން މަޖިލީހަށް އަމިއްލަގޮތުން އިންތިހާބުވި އިތުރު މެމްބަރުންވެސް ވަނީ މީގެކުރިން ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. އެގޮތުން، އެ ޕާޓީއަށް ސޮއިކޮށްފައިވަނީ ހުރާ ދާއިރާއަށް އިންތިހާބުވި ޑރ. އަނާރާ ނައީމް، މަތިވެރި ދާއިރާއަށް އިންތިހާބުވި ހަސަން ޒަރީރުއެވެ.
މީގެ އިތުރުން، މައްޗަންގޮޅި މެދު ދާއިރާއަށް އިންތިހާބުވި އަހްމަދު ޒަމީރާއި، ތިމަރަފުށި ދާއިރާއަށް އިންތިހާބުވި އަހްމަދު ރިޔާޒާއި، ނައިފަރު ދާއިރާއަށް އިންތިހާބުވި ޔާސީން އަބްދުﷲ އަދި ވިލިނގިލި ދާއިރާއަށް އިންތިހާބުވި އާޒިމް އަބްދުލް އަޒީޒު ވެސް ވަނީ އެ ޕާޓީއާއި ގުޅިވަޑައިގެންފައެވެ.
އަމިއްލަ ގޮތުން އިންތިހާބުވީ މެންބަރުންތަކެއް ޕީއެންސީއަށް ސޮއިކޮށްފައިވާއިރު، މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ، މެންބަރުކަމުން އިސްތިއުފާ ދޭން ޖެހޭ ގޮތަށް އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ވަނީ އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކޮށްފައެވެ. އެ ގާނޫނު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި މަހުގެ 16 ވަނަ ދުވަހު ތަސްދީގު ކުރައްވާފައެވެ.
ނަމަވެސް މި ގާނޫނު ހިނގާނީ މެމްބަރު ދައުރުގެ ތެރޭގައި ޕާޓީ ބަދަލު ކުރާނަމައެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެމްބަރުންގެ ދައުރު އަދި ނުފެށޭތީ، ގާނޫނު އޮތް ގޮތުން މި ބޭފުޅުންގެ ގޮނޑިއެއް ނުގެއްލޭނެއެވެ.