ޚަބަރު އިޖުތިމާޢީ

ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ފުރާނީ މި މަހު 31 ގައި

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ދިވެހި ހައްޖުވެރިން އެއާޕޯޓުގައި، ފޮޓޯ: ހައްޖު ކޯޕަރޭޝަން

މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުން ފުރުވާލުމުގެ އިންތިޒާމްތައް ފުރިހަމަކުރެވިފައިވާ ކަމަށާއި، ފުރަތަމަ ފްލައިޓް މި މަހުގެ 31ވާ ހުކުރު ދުވަހު ފުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ، ހައްޖަށް މީހުން ގެންދިއުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި މަސައްކަތްކުރާ އިސްފަރާތްތަކާއި އިދާރާތަކާއި ބައްދަލުކުރައްވާ، މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ޝަހީމް ވިދާޅުވީ، ރާއްޖެއިން ހައްޖަށްދާ މީހުންގެ ފުރަތަމަ ފްލައިޓް މި މަހުގެ 31ވަނަ ދުވަހު ސައުދީ އަރަބިއާއަށް ދިއުމަށް ފުރާނެ ކަމަށެވެ. އަންނަ ހަފްތާގައި ހައްޖަށްދާ މީހުން ފުރަން ހަމަޖެހިފައިވާއިރު، ހައްޖުވެރިން ފުރުމުގެ އިންތިޒާމްތައް ފުރިހަމަ ކުރެވިފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

އެގޮތުން، އެކަމަށް ކުރަންޖެހޭ ތައްޔާރީތައް މުއައްސަސާތަކާއި ގުޅިގެން ކޮށް، ތައްޔާރީތައް ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހައްޖުގެ އަޅުކަމަށް ދާ މީހުންނަށް ބޭނުންވާ ހިދުމަތްތައް ހަރުދަނާކުރުމަށް، ރާއްޖެއަށް ލިބޭ 1،000 ކޯޓާ ސަރުކާރު ކުންފުނި، ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

އާންމު އުސޫލުން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ލިބޭ 1،000 ކޯޓާގެ ތެރެއިން  50 ކޯޓާ، ކަނޑައަޅާފައިވަނީ ސަރުކާރުގެ ހަރަދުގައި ނިކަމެތިންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދިނުމަށެވެ. އެ ފުރުސަތު ލިބޭ މީހުންވެސް މިހާރު ވަނީ ހޮވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!