ބޮލީވުޑް މުނިފޫހިފިލުވުން

އަނަންތު އަމްބާނީގެ ކައިވެނީގެ ކުރިން ބާއްވާ ދެވަނަ ހަފްލާ ކްރޫޒެއްގައި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އަނަންތު އަމްބާނީ އަދި ރާދިކާ މާޗަންޓު

އިންޑިއާގެ މަޝްހޫރު ބިލިއަނަރު މުކޭޝް އަމްބާނީ އާއި ނީތާ އަމްބާނީގެ ހަގު ދަރިފުޅު އަނަންތު އަމްބާނީގެ ކައިވެނީގެ ކުރިން ބާއްވާ ދެވަނަ ހަފްލާ މިމަހު 28 އިން 30 އަށް ލަގްޝަރީ ކްރޫޒެއްގައި ބާއްވަން ނިންމައިފި އެވެ.

Ads by STELCO

އަނަންތު ކައިވެނި ކުރަނީ އެންކޯ ހެލްތު ކެއާގެ ސީއީއޯ ވިރޭން މާޗެންޓާއި މަޝްހޫރު ވިޔަފާރިވެރިޔާ ޝައިލާ މާޗެންޓުގެ ދަރިފުޅު ރާދިކާ މާޗެންޓް އާ އެވެ. މި ދެމީހުންގެ ކައިވެނީގެ ކުރިން ބޭއްވި ފުރަތަމަ ހަފްލާ އޮތީ ގުޖުރާތުގެ ޖަމްނާގަރުގަ އެވެ. ތިން ދުވަހުގެ މުއްދަތަކަށް ބޭއްވި އެ ހަފްލާތަކުގައި ދުނިޔޭގެ މަޝްހޫރު ސެލެބްރިޓީން ބައިވެރިވި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ކައިވެނީގެ އުފާ ފާޅުކުރުމަށް ބާއްވާ ދެވަނަ ހަފްލާ އޮންނާނީ ކްރޫޒެއްގަ އެވެ. އަދި އެ ކްރޫޒް ދަތުރު ކުރާނީ އިޓަލީން އުތުރު ފްރާންސާއި ދިމާއަށް 4،380 ކިލޯ މީޓަރު ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

ފުރަތަމަ ހަފްލާއެކޭ އެއްގޮތަށް ދެވަނަ ހަފްލާގައިވެސް ބޮލީވުޑްގެ ގިނަ ފަންނާނުން ބައިވެރިވާނެ އެވެ. އެގޮތުން ސަލްމާން ހާން، ޝާހްރުކް ހާން، އާމިރު ހާން، ރަންބީރު ކަޕޫރު އަދި އާލިއާ ބަޓް ފަދަ ތަރިން ފެންނާނެ އެވެ. މީގެ އިތުރުން 800 މެހެމާނުންނަށް މި ދަތުރަށް ދައުވަތު ދޭނެ އެވެ.

800 މެހެމާނުންގެ މެހެމާންދާރީ އަދާކުރަން 600 ސްޓާފުން އެ ކްރޫޒްގައި ހަރަކާތްތެރިވާނެ އެވެ. ތިން ދުވަހަށް އެކި ހަރަކާތްތައް ރާވާފައިވާއިރު މިއީ އަނަންތު އާއި ރާދިކާގެ ކައިވެނީގެ ކުރިން ބާއްވާ ފަހު ހަފްލާ ކަމަށް މައުލޫމާތު ލިބެ އެވެ.

އަނަންތު އާއި ރާދިކާގެ ކައިވެނީގެ ކުރިން ފުރަތަމަ ބޭއްވި ހަފްލާއަށް އެއް ބިލިއަން ޑޮލަރު ހަރަދުވި އެވެ. ޖުމްލަ ހަތަރު ހަރަކާތެއް އެފަހަރު ބޭއްވި އެވެ. އެގޮތުން ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާގެ ހާއްސަ ޝޯއެއްވެސް ބޭއްވި އެވެ. މީގެ އިތުރުން ބޮލީވުޑް ފަންނާނުންގެ ނެށުމާއި، ޝްރެޔާ އަދި އަރިޖީތުގެ ޝޯއެއްވެސް އޮތެވެ.

އަނަންތު އާއި ރާދިކާގެ ކައިވެނީގެ ހަފްލާ ބާއްވަން ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ ތެރޭގަ އެވެ. މިއީ މުކޭޝް އަމްބާނީގެ ހަގު ދަރިފުޅު ކަމަށްވުމުން ކައިވެނީގެ ހަފްލާއަކީ އަގު ބޮޑު ހަފްލާއަކަށް ވާނެކަމަށް އޮތީ ބެލެވިފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!