ޚަބަރު ސަރުކާރު

މަސްދޯނިފަހަރާއި ފެކްޓަރީތައް އިޔާދަކުރަނިވި ހަކަތައަށް ބަދަލު ކުރަނީ

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް

މަސްދޯނިފަހަރަށާއި، މަސް ޕްރޮސެސްކުރާ ފެކްޓަރީތަކުން ކަރަންޓަށް ކުރާ ހަރަދުގެ 35 އިންސައްތަ އިޔާދަ ކުރަނިވި ހަކަތައަށް ބަދަލު ކުރަން ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އެ މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ރާއްޖެ ވާދަކުރަން ޖެހިފައިވަނީ، މަސްވެރިކަން ކުރުމަށްޓަކާ މާ ބޮޑަތި ހަރަދުތަކެއްނުކޮށް މަސްވެރިކަން ކުރާ ބަޔަކާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބާޒާރުގައި އެ ގައުމުތަކާއެކު ވާދަކުރުމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

އެހެންކަމުން، މަސްވެރިކަން ކުރުމުގައި ވީހާވެސް ހަރަދު ކުޑަކުރެވޭނެ ގޮތްތަކެއް ބަލަން ޖެހޭ ކަމަށާއި، އެކަން އެގޮތަށް ކުރެވުމުން ބާޒާރުގައި ފައިދާވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. މަސްވެރިކަމަށް ހޭދަވާ ހަރަދު ކުޑަކުރުމުގެ ގޮތުން އިޔާދަ ކުރަނިވި ހަކަތައާއި ދިމާލަށް ވަރަށް ބާރަށް ދާން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ މިހާރުގެ އަމާޒަކީ ދިވެހި ރާއްޖޭގައި މަސްވެރިކަން ކުރާ އުޅަނދު ފަހަރާއި އަދި މަސް ޕްރޮސެސް ކުރާ ކާރުހާނަތަކުގެ މިހާރު މިހިނގާ ހަރަދުގެ 35 އިންސައްތައަކީ އިޔާދަ ކުރަނިވި ހަކަތައަށް ބަދަލު ކުރުން"

މިގޮތަށް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ކުރަންޖެހޭ ހަރަދުތަކެއް ވެސް އެބަހުރި ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އެ ހަރަދުތައް ކުރުމަށް ހޭދަވާ ފައިސާ ވޯލްޑް ބޭންކް ޕްރޮޖެކްޓްގެ ތެރެއިން ކޮންމެވެސް ވަރަކަށް ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން ޝިޔާމް ވިދާޅުވީ، މަސްވެރިކަން ކުރަމުންދާ އުޅަނދުތަކުގެ ޑިޒައިނަށް ވެސް ކޮންމެ ވެސް ވަރެއްގެ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި މިހާރު މަސްވެރިކަންކޮށް، މަސް ހޭންޑަލް ކުރަމުންދާ ގޮތުން މަހަށް ގެއްލުން ލިބޭ ކަމަށެވެ. އެކަމުގެ ސަބަބުން ބާޒާރުގައި އެ ރިޖެކްޓް ވެގެންދާކަން ފާހަގަކުރައްވާ، މަހަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން އައިސް ކެޕޭސިޓީ އިތުރުކުރަން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!