ރާއްޖޭގެ ހަތް އަތޮޅަކަށް، ފުލުހުން ޓެކްސްޓު ފޮތްތައް ފޯރުކޮށްދީފި

ރާއްޖޭގެ ހަތް އަތޮޅެއްގެ ރަށްތަކަށް ފުލުހުން ޓެކްސްޓު ފޮތްތައް ފޯރުކޮށްދީފި އެވެ.
މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފުލުހުން ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ އެދުމުގެ މަތިން ސްކޫލު ކުދިންގެ ޓެކްސްޓު ފޮތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފަ އެވެ. މޫސުން ގޯސްވުމުގެ ސަބަބުން އިއްޔެ ސްކޫލު ހުޅުވުނުއިރު ހުރިހާ ސްކޫލުތަކަށް ފޮތްތައް ފޯރުކޮށް ނުދެވުނު ނަމަވެސް ފުލުހުން ބުނީ ޖުމްލަ ހަތް އަތޮޅަކަށް ފޮތްތައް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން ހއ. ހދ. ށ. ނ. ޅ. ފުވައްމުލައް ސިޓީގެ އިތުރުން އައްޑޫ ސިޓީއަށްވެސް ފޮތްތައް ފޯރުކޮށްދިނީ ފުލުހުންނެވެ. މި އަތޮޅުތަކަށް ޖުމްލަ 2194 ފޮށިގަނޑުގައި 26.3 ޓަނުގެ ފޮތް އުފުލާފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ސްކޫލުތަކަށް ފޮތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކާމިޔާބު ކަމާއިއެކު މިހާރު ނިންމާލާފައިވާ ކަމަށެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން އިއްޔެ ފެށިއިރު ސްކޫލުތަކުގައި 96،000 ދަރިވަރުން ތައުލީމު ހާސިލު ކުރާނެ އެވެ.