ޚަބަރު ސަރުކާރު

ބޮސްނިއާ ގަރާރަށް ވޯޓު ނުދިނީ އިޒްރޭލުގެ ގަތުލު އާންމު އޮއްބާލާ އުކުޅަކަށްވާތީވެ: ސަރުކާރު

އަލީ ސަމާޙް ، ދެން އޮންލައިން
ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަޒިރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި

މީގެ 29 އަހަރު ކުރިން ބޮސްނިއާގައި އެތައް ހާސް މުސްލިމުން މަރައި ހިންގި ގަތުލުއާންމު ފާހަގަކުރަން އދ. އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ތާއީދުނުކުރީ ފަލަސްތީނުގައި އިސްރާއީލުން ހިންގާ ގަތުލުއާންމުގެ ވާހަކަ އޮއްބާލަން ބޭނުންކުރާ އުކުޅެއްގެ ގޮތުގައި ބެލެވޭތީ ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.

Ads by Sosun Fihaara

ބޮސްނިއާ ހަނގުރާމައިގެ ތެރެެއިން ބޮސްނިއާ ސާބްސްއަށް ނިސްބަތްވާ މިލިޓަރީ ގްރޫޕަކުން ހިންގި މި ގަތުލްއާންމު ބަލައިގަތުމަށް އ.ދ ގައި ނެގި ގަރާރުގައި ރާއްޖެއިން އެއްވެސް ކޮޅަކަށް ވޯޓު ދީފައި ނުވެ އެވެ.

ގަރާރު ފާސް ކުރީ 84 ގައުމުގެ ތާއީދާއެކު އެވެ. ގަރާރު ފާސް ކުރުމާ ދެކޮޅަށް ވޯޓު ދިނީ އެންމެ 19 ޤައުމެވެ. ނަމަވެސް އެއްވެސް ކޮޅަކަށް ވޯޓުނުލާ 68 ގައުމެއް ތިއްބެވެ. ރާއްޖެ ހިމެނޭ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ 56 މެމްބަރު ގައުމުގެ ތެރެއިން ވޯޓުގައި ބައިވެރިވީ 48 ގައުމަކުންނެވެ.

އަދި 8 މެންބަރު ގައުމަކުން މިވޯޓުގައި ބައިވެރިވެފައެއްނުވެ އެވެ. ވޯޓުގައި ބައިވެރިވި ގައުމުތަކުގެ ތެރެއިން ގިނަ ގައުމުތަކުން މިގަރާރަށް ތާއީދުކޮށްފައި ނުވެ އެވެ.

ނަން ހާމަކުރަން ޝަރުތުރުކޮށް ވާހަކަ ދެއްކި ފޮރިން މިނިސްޓްރީގެ އޮފިޝަލަކު "ދެން" އަށް ވިދާޅުވީ އޯއައިސީ.ގެ 18 އެހެން ގައުމަކާ އެއްގޮތަށް ރާއްޖެއިން ވެސް ހިޔާރުކޮށްފައިވަނީ އެ ގަރާރާ ސިދާ ދެކޮޅަށް ވޯޓު ދިނުމުގެ ބަދަލުގައި ވަކި ކޮޅަކަށް ވޯޓު ނުދިނުމަށް ކަަމަށެވެ.

ރާއްޖެއިން ބޮސްނިއާ މައްސަލައިގައި ވޯޓުދީފައިނުވަނީ ފަލަސްތީނަށް އދ ގެ ފުރިހަމަ މެމްބަރުކަން ދޭން އދ ގެ އާންމު މަޖިލީހުން ފާސްކޮށްފައިވާ ގަރާރު އަރަބި ގްރޫޕުގެ ފަރާތުން ހުށަހެޅި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ. އާ އެއްވިސްނުމެއްގައި ކަމަށް އެކަމުގެ މައުލޫމާތު އެނގޭ އޮފިޝަލް ވިދާޅުވި އެވެ. އަދި ބޮސްނިއާ އެންޑް ހަޒެގޮވިނާގެ މި މައްސަލައިގައި އިސްކޮށް އުޅޭ ގައުމުތަކުގެ ތެރޭގައި އިޒްރޭލަށް ފާޅުގައި ވާގިވެރިވާ ގައުމުތައް ހިމެނުމާއެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އޯއައިސީގެ ގައުމުތަކުގެ އިތުރުން، އެ ގަރާރާ ދެކޮޅަށް ޗައިނާއިން ވޯޓުލާފައިވާއިރު އިންޑިޔާ، ލަންކާ، ނޭޕާލް، ބޫޓާން އަދި އެފްރިކާ ބައްރުގެ ގިނަ ގައުމުތަކުންވެސް ވޯޓު ލާފައިވަނީ ދިވެހިރާއްޖެއާ އެއްގޮތަށެވެ.

އޮފިޝަލް ވިދާޅުވީ ރާއްޖެއިން އެ ގޮތަށް ވޯޓު ދީފައިވަނީ މި ގަރާރުގައި ހިމެނޭ ގައުމުތަކުން ވެސް ގަރާރާ ގުޅިގެން އިއްތިފާގު ވެފައި ނުވާތީ އާއި އދގެ މައި ޝަރުއީ ގުނަވަން ކަމުގައިވާ އައިސީޖޭ އިން ނިންމަވާފައިވާ މައްސަލައެއްގައި، އިތުރު ނުތަނަވަސް ކަމެއް އުފެއްދުމަށް ބޭނުންނުވާތީ ކަމަށެވެ.

އެގޮތުން އެއްވެސް ބޭރު ގައުމެއްގެ އެތެރޭގައި ހިނގާ ހަމަނުޖެހުންތަކާއި މައްސަލަތަކުގެ ތެރެއަށް ވަދެ ބަސްބުނެ ހެދުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އުސޫލެއްނޫން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އަދި ސަރުކާރުގެ ސިޔާސަތަކީ ބޮޑެތި ގައުމުތަކުގެ ތަޅާފޮޅުމުގެ ތެރެއަށް ނުވަދެ ރާއްޖޭގެ މަސްލަހަތަށް އެންމެ ފައިދާވާ ގޮތަކަށް ސިޔާސަތުތައް ބެހެއްޓުން އިސްލާމީ ވަރަށް ގިނަ ގައުމުތަކުންވެސް އެ ގަރާރާ ގުޅިގެން ވަކިކޮޅަކަށް ވޯޓު ދީފައިނުވަނީ، އެކަމުގައި މިހާރު އުފެދިފައިވާ ސަރަހައްދީ ވާދަވެރިކަމުގެ ތެރެއަށް ވަދެ ބަސްބުނަން ބޭނުންނުވާތީ ކަމަށް ސަރުކާރުގެ ސްޓޭންޑް ހާމަކުރަމުން އޮފިޝަލް ވިދާޅުވި އެވެ.

މި ގަރާރު މި ދަޑިވަޅުގައި ނެގުމުގެ އެއް ބޭނުމަކީ، ފަލަސްތީނުގައި އިސްރާއީލުން ހިންގާ ގަތުލުއާންމުގެ ވާހަކަ އޮއްބާލަން ބޭނުންކުރާ އުކުޅެއްގެ ގޮތުގައި ބެލެވޭތީއާ ވެސް އެކުގައި

ރާއްޖެއިން މި ގަރާރާ ގުޅިގެން ވަކި ކޮޅަކަށް ވޯޓުދީފައިނުވިޔަސް، ރާއްޖެއިން ވަނީ މި ސަރަހައްދުގައި ހިމެނޭ ކޮސޯވޯ، ސަރބިއާ، ބޮސްނިއާ އެންޑް ހަރޒެގޮވިނާ އަދި މޮންޓެނީގްރޯ ބަލައިގަނެ، އެގައުމުތަކާއެކު ހާރިޖީ ގުޅުން ގާއިމުކޮށްފަ އެވެ.

އަދި އެ ގައުމުތަކާ އެކު އޮންނަ ގުޅުން ބަދަހިކޮށް، ބައިލެޓެރަލް އެއްބަސްވުންތަކުގައި ވެސް ދިވެހިރާއްޖެއިން ވަނީ ސޮއިކޮށްފަ އެވެ. އަދި ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ނޮން ރެޒިޑެންޓް ސަފީރުން އައްޔަނުކުރުމުގެ އިތުރުން ދިވެހި ސަރުކާރުގެ އިސް ބޭފުޅުން ވަނީ އެގައުމުތަކަށް ދަތުރުފުޅުވެސް ކުރައްވާފައެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ވެސް ރާއްޖެއިން ދަނީ އެކި މައްސަލަތަކުގައި އެ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.

ކޮސޯވޯއާ އެކު ރާއްޖެއިން ހާރިޖީ ގުޅުން ގާއިމްކޮށްފައިވަނީ އޭޕްރީލް 2009 ގައެވެ. ސާބީއާ ހާރިޖީ ގުޅުން މާޗް 1975 ވަނަ އަަހަރު ގާއިމްކޮށްފައިވާއިރު ބޮސްނިއާ އެންޑް ހަޒެގޮވިނާއާ އެކު ގުޅުން ގާއިމްކުރީ ޖެނުއަރީ 1997 ގައި އެވެ.

މޮންޓެނީގްރޯއާ އެކު ރާއްޖެއިން ހާރިޖީ ގުޅުން ގާއިމުކުރީ ނޮވެމްބަރު 2009 ގައި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!