އެހެން ގައުމުތަކުގެ ދަރިވަރުންނަށް ރާއްޖޭގައި ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށާއި، މަތީ ތައުލީމް ހާސިލް ކުރުމަށް އެދޭ ދަރިވަރުންނަށް މާލީ އެހީތެރިކަމާއި ސްކޮލާޝިޕްތައް މި ދައުރުގައި ތަނަަވަސްކޮށްދޭނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، ރާއްޖެއިން ފޯރުކޮށްދޭ މަތީ ތައުލީމާއި ތަމްރީނުގެ ފެންވަރު ރަނގަޅުކޮށް އިންޓަނޭޝަނަލައިޒް ކުރެވިގެންދާނެ ކަމަށެވެ. އަދި ބޭރުގެ ދަރިވަރުންވެސް ރާއްޖެއިން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު މި ދައުރުގައި ހުޅުވާލެވޭނެ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ، ބޭރުގެ ދަރިވަރުންނަށް ރާއްޖޭގައި ތައުލީމް ހާސިލްކުރުމަށް މަގުފަހިކުރުމުގެ ގޮތުން ސްޓޫޑެންޓް އިންޓަނޭޝަނަލް ވިސާ ހޯދުމަށް ހުރި ހުރަސްތައް ނައްތާލާނެ ކަމަށެވެ. އަދި އެ ދަރިވަރުންނަށް ޕެސްޓޮރަލް ކެއަރ ގާނޫނީ ބާރު ލިބިގެން ހޯމް ސްޓޭ އާއި ދަނާލުގައި އެކޮމޮޑޭޝަން ހަމަޖެހޭނެ ނިޒާމެއް ވެސް ގާއިމްކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެެވެ.
"ރާއްޖޭގައި މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ޕްރޮގްރާމްތައް އިންޓަނޭޝަނަލައިޒްކޮށް ބޭރުގެ ކިޔަވާ ކުދިން ރާއްޖޭގެ މަރުކަޒުތަކުގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލެވިގެންދާނެ. އަމާޒަކީ މަތީ ތައުލީމް ހާސިލްކުރާ އާބާދީގެ މަދުވެގެން 2 އިންސައްތަ ދަރިވަރުންނަކީ އެހެން ގައުމުތަކުން ރާއްޖެއަށް މަތީ ތައުލީމް ހާސިލް ކުރުމަށް އަންނަ ދަރިވަރުންނަށް ހެދުން،" މާރިޔާ ވިދާޅުވިއެވެ.
އިތުރަށް މާރިޔާ ވިދާޅުވީ، ސަރުކާރުން ނިންމާފައިވަނީ މި ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒާއި ދަނާލްތައް ގާއިމްކުރަން ކަމަށެވެ. އެގޮތުން، އެމްއެންޔޫ، މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ، މޯލްޑިވްސް ޕޮލިޓެކްނިކްގެ އިތުރުން އެ ސަރަހައްދަށް ފައިދާ ހުރި ހާއްސަ ދާއިރާތަކަށް އިސްކަންދީގެން ތަމްރީނުދޭ މަރުކަޒުތައް އަތޮޅުތަކުގައި ގާއިމްކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން މާރިޔާ ވިދާޅުވީ، އެ މަރުކަޒުތަކަކީ އެކިއެކި ސިނާއަތްތަކަށް ހާއްސަކުރެވިގެން ގާއިމްކުރެވޭ މަރުކަޒުތަކަކަށް ވެގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި، ދަނޑުވެރިކަމާއި މަސްވެރިކަމާއި ވަޑާމާއި ފަތުރުވެރިކަމުގެ ދާއިރާތަކުގެ އިތުރުން އެކިއެކި ބަސް ދަސްކޮށްދޭ ތަންތަނުގެ ގޮތުގައި އެ މަރުކަޒުތައް ހާއްސަކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޕްރައިވެޓް ކޮލެޖްތަކާއި ޔުނިވާސީޓީތަކާ ގުޅިގެން މަސައްކަތްކޮށް ހަޔާ އެޑިއުކޭޝަން އިންސްޓިޓިއުޝަންތަކުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރައްވާނެކަން ފާހަގަކުރެއްވިއެވެ.