ޔުނީފޯމު އެޅި ފުލުހަކު ފެންނަން ހުރުމަކީ ވަރަށް ގިނަ ކަންކަން ހައްލުވާ ކަމެއް: ސީޕީ
ޔުނީފޯމު އެޅި ފުލުހަކު ފެންނަން ހުރުމަކީ އޭގެ ޒާތުގައި ވަރަށް ގިނަ ކަންކަން ހައްލުވާ ކަމެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމަށް ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ރޭ ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ ކިޔަވައިގެން މެނުވީ ފުލުހުންގެ ޚިދުމަތް ކުރިއަށް ނުދާނެކަމަށާއި ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެން ނުދާނެ ކަމަށެވެ. އަދި ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ފުލުހުންނަކީ ޕްރޮފެޝަނަލް ބަޔަކަށް ވުމަށް އުނގެނުކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އިތުރަށް ވިދާޅުވީ، ފުލުހުންގެ އަސާސީ ތަމްރީނު ނިންމުމަށްފަހު ފުލުހުންގެ ފަހުރުވެރި ޔުނީފޯމުގައި ގައުމީ ޚިދުމަތަށް ނުކުންނައިރު ކޮންމެ އޮފިސަރެއްގެ ފަރާތުން ފެންނަން އެދޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި ގައުމުދެކެ ލޯބިވާކަމާއި ގައުމީ ލޭ ކޮންމެ އޮފިސަރެއްގެ ހަށިގަނޑުގައި ހިނގާކަން ފެންނަންޖެހޭ ކަމަށާއި އޮފިސަރުންނާ ހަވާލުކުރެވޭ މަސްއޫލިއްޔަތުތައް އަދާކުރާގޮތުން އެ ސިފަތައް ހުރިކަން ދެނެގަންނަން އުނދަގޫ ނުވާނެކަމަށް ވިދާޅުވި އެވެ. އަދި ރައްޔިތުން ކަންބޮޑުވާ ކޮންމެކަމަކީ ފުލުހުންގެ ކަންބޮޑުވުމެއްކަން އަމަލާއި ބަހުން ދައްކަން އެބަޖެހޭކަމަށާއި ހަވާލުކުރެވޭ ޑިއުޓީ އަދާކުރުމުގައި ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމަށް އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރަން ޖެހޭކަމަށް ވެސް ވިދާޅުވި އެވެ.
އޭގެ އިތުުރުން، ކޮންމެ ރަށެއްގެ ބަނދަރު ސަރަހައްދުގައި އަބަދުވެސް ފުލުހަކު ހުރުމަށް ރައްޔިތުން އެދޭ ކަމާއި ސަބަބަކީ ޔުނީފޯމު އެޅި ފުލުހަކު ފެންނަން ހުރުމަކީ އޭގެ ޒާތުގައި ވަރަށް ގިނަ ކަންކަން ހައްލުވާ ކަމެއްކަމަށް ސީޕީ ވިދާޅުވި އެވެ. އަދި އޭގެ ނަތީޖާއަކަށްވާނީ މަސްތުވާތަކެތި ފާޅުގައި އެތެރެކުރުމަށް މީހުން ޖެހިލުންވުން ކަމަށް ވެސް ވިދާޅުވި އެވެ. އަދި ޝައްކުކުރެވޭ މީހުން، އޮންނަ އުސޫލުގެ ތެރެއިން ބަލައިފާސްކުރާ ހިސާބުން އެ ރަށަކަށް މަސްތުވާތަކެތި އެތެރެކުރުން ވަރަށްބޮޑަށް ހުއްޓިގެންދާނެ ކަމަށާއި މަސްތުވާތަކެތި ހުއްޓުވުމަށް ކޮންމެ ފުލުހަކު ވެސް މަސައްކަތް ކުރަންޖެހޭ ހިސާބަށް މަސްތުވާތަކެތީގެ ވަބާ ފެތުރިފައިވާކަން ފާހަގަކުރެއްވި އެވެ.
ހަމަ އެހެންމެ ރާއްޖޭގެ މަގުތަކުގައި އަމާންކަން ގާއިމުކުރެވޭނީ ވެސް މަގުތަކުގައި ފުލުހުން ހަރަކާތްތެރިވެގެން ކަމާއި މަގުތައް ބިޒީވާ ގަޑިތަކުގައި އަމިއްލައަށް އިސްނަގައިގެން މަގުމައްޗަށް ނުކުމެ ހަމަހަމަކަމާއެކު ގާނޫނުތައް ތަންފީޒުކުރާތަން ފެންނަން ޖެހޭކަމަށް ވިދާޅުވި އެވެ. އަދި އަބަދުވެސް ކަންކަން ހައްލުކުރުމުގައި ފުލުހުންނަށް ލިބިފައިވާ ބާރުގެ ބޭނުންކުރުމަކީ އެންމެ ފަހުން ކުރާކަމެއްގެ ގޮތުގައި ހަދަންޖެހޭ ކަަމަށް ވެސް ވިދާޅުވި އެވެ.