އިސްލާމް ދީނަށް ނަފުރަތުކޮށް މުސްލިމުން މަރާ ބަޔަކާއި ދެކޮޅަށް ވޯޓު ދޭން ފަސް ނުޖެހޭނެ ކަމަށް ޕީއެންސީ ޕާލަމެންޓަރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި އިޒްރާއީލު ޕާސްޕޯޓު ބޭން ކުރުމަށް ބޭނުންވާ މެޖޯރިޓީ ރައްޔިތުންގެ މަޖިލީހުގައި އޮތުމާއިއެކު އެކަމާއި ގުޅޭގޮތުން ޕިއެންސީގެ ސްޓޭންޑަކީ ކޮބައިތޯ އޮޅުންފިލުވަން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ސުވާލު ކުރުމުން ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ދެއްވި ޖަވާބަށް ފާޑުކިޔުން އަމާޒުވި އެވެ.
މި މައުޟޫއާއި ގުޅުވައި ބާރަށު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ޝުޖާ ވިދާޅުވީ މާތް ﷲ ގަންދީ ހުވާކުރައްވައިގެން ހުންނެވި މީހެއްގެ ހައިސިއްޔަތުން އިސްލާމް ދީނަށް ނަފުރަތުކޮށް، އިސްލާމުން މަރައި، އަންދައި، ގުނަވަންތައް ބުރިކޮށް ހަދާ ބަޔަކާއި ދެކޮޅަށް ވޯޓުލާން ޖެހިއްޖެ ހިނދެއްގައި ކެރިގެން ސާބިތުކަމާއިއެކު ޝަހާދަތް އިނގިލިން ވޯޓަށް ފިތާލަން ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ.
އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފަލާހު ވިދާޅުވީ ފަލަސްތީނާއި އިޒްރާއީލު ހަނގުރާމައާއި ގުޅިގެން ޕިއެންސީން ސްޓޭންޑު ނަގާނީ ފޮރިން މިނިސްޓްރީ މެދުވެރިވެގެން ކަމަށެވެ. އެއީ މިމައްސަލައަކީ ހާރިޖީ ސިޔާސަތާއި ގުޅުންހުރި މައްސަލައަކަށް ވާތީކަމަށް ފަލާހު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ދިވެހި ދައުލަތުން އަބަދުވެސް ހުންނާނީ ފަލަސްތީނު މުސްލިމުންގެ ދިފާއުގައި އިޒްރާއީލާއި ދެކޮޅަށްކަން ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ބައިނަލްއަގުވާމީ އެކި ފޯރަމްތަކުގައި ޑރ. މުއިއްޒު ވަނީ ފާޅުކަން ބޮޑުގޮތެއްގައި މިކަން ހާމަކުރައްވައިފަ އެވެ.