ޚަބަރު ސަރުކާރު

ސްކޫލްތައް ފިނިކުރުމުން ކުދިންގެ އަހުލާގަށް ހެޔޮ ބަދަލެއް އަންނާނެ: މިނިސްޓަރު

އަލީ ސަމާޙް ، ދެން އޮންލައިން
ކޫލް ސްކޫލް މަޝްރޫއު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ/ ފޮޓޯ؛ އެޑިއުކޭޝަން

ސަރުކާރު ސްކޫލުތަކުގައި އޭސީ ހަރުކުރަން މިއަދު ފެށި "ކޫލް ސްކޫލް" މަޝްރޫއުއާއެކު ސްކޫލުތައް ފިނިކުރެވިގެން ދިޔުމުން ދަރިވަރުންގެ އުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ކޫލް ސްކޫލު ޕްރޮޖެކްޓް އިފްތިތާހުކުރުމަށް ކ. މާފުށީ ސްކޫލުގައި ބޭއްވި ހެނދުނުގެ އެސެމްބްލީގައި ޝަފީއު ވިދާޅުވީ، ކްލާސް ރޫމްތައް އޭސީ ކުރެވިގެން ދިޔުމުން ދަރިވަރުންގެ ހިތަށް ފިނިކަމެއް ލިބިގެންދާނެ ކަމަށެވެ.

އަދި ދަރިވަރުންނަށް އުފާވެރިކަން އިހުސާސްވުމާއެކު އެ ފިނިކަމާއެކު ދަރިވަރުންގެ ސުލޫކާއި އުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ވިޔާނުދާ ކަންތައްތަކުން ދަރިވަރުން ދުރުހެލިވާނެ، ހިތް އުފާވާނެ ޖުމްލަ ގޮތެއްގައި ބުނާ ކަމަށް ވަނީނަމަ. ބުލީއެއް ނުކުރާނެ. ރުޅިވެރިކަމެއް މި ފަދަ މާހައުލަކު ނޯއްނާނެ

ކްލާސްތައް ފިނިކުރުމުގެ މަޝްރޫއުއަކީ ބޮޑު ހޭދައެއް ކުރަން ޖެހޭ މަޝްރޫއު އެއް ކަމަށް ދައްކާ ވާހަކަތަކަށް އިޝާރާތްކުރައްވާ މިނިސްޓަރު ވިދާޅުވީ ތައުލީމަށް ފައިސާ ހަރަދުކުރަމުން މި ސަރުކާރުން ފަސްނުޖެހޭނެ ކަމަށެވެ. ރައީސް ޑރ މުހައްމަދު މުއިއްޒުގެ އެންމެ މުހިއްމު ވައުދަކީ ގައުމު ބިނާކުރުން ކަމަށްވާއިރު ތައުލީމަށް ފަރުވާކުޑަކޮށްލައިގެން އެކަން ހާސިލުނުވެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓްރީން އަމާޒު ހިފާފައިވަނީ އެ ޕްރޮޖެކްޓުގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ސަރުކާރު ސްކޫލުތަކެއް އޭސީ ކުރުމަށެވެ.

މިއީ ދަރިވަރުންނާއި މުދައްރިސުން ކްލާސްރޫމްގައި ތިބޭއިރު އިހުސާސްކުރެވޭ ހޫނުމިނުގެ ދަރަޖަ މަތިވެ، އޭގެ ސަބަބުން ތަހައްމަލު ކުރަންޖެހޭ އުނދަގޫތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއެކު ކުރިއަށްގެންދާ މަޝްރޫއުއެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!