ޚަބަރު އިޖުތިމާޢީ

މާލެ ސިޓީގެ މުނިސިޕަލް ހިދުމަތްތައް އަދިވެސް ކައުންސިލާ ހަވާލު ނުކުރޭ: މޭޔަރު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ދެން އޮންލައިންއަށް ދެއްވި ހާއްސަ ބަސްތީގަތުމުގެ ތެރެއިން

މާލެ ސިޓީގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލާއި ހަވާލުނުކުރާތީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

Ads by MWSC

މާލެ ސިޓީ ކައުންސިލްގެ އިހުތިޞާސްގެ ތެރޭގައި ހިމަނާފައިވަނީ މާލެ ސިޓީގެ އިތުރުން ހުޅުމާލެއާއި ވިލިމާލެ އެވެ. މިތަންތަނުގެ މުނިސިޕަލް ހުރިހާ ހިދުމަތެއް ސިޓީ ކައުންސިލާއި ހަވާލު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ރައީސް މުއިއްޒު އެގޮތަށް ނިންމުމުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެމަސައްކަތް ސަރުކާރުން ފެށި އެވެ.

"ދެން އޮންލައިން" އަށް ދެއްވި ހާއްސަ ބަސްތީގަތުމެއްގައި މޭޔަރު އާދަމް އާޒިމް ވިދާޅުވީ ހުޅުމާލޭގެ ބައެއް ތަންތަން އަދިވެސް ސިޓީ ކައުންސިލާއި ހަވާލު ނުކުރާ ކަމަށެވެ. އެގޮތުން ބަނދަރު އަދިވެސް އޮތީ އެޗްޑީސީގެ ބާރުގެ ދަށުގައި ކަމަށާއި މިހެން ވުމުން އެތަނަށް އިހުމާލުވަމުން ދާކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް މުއިއްޒު ހުވާ ކުރުމާ ވިދިގެންވެސް ހަމަ އެމްއޯޔޫއެއްގަ ސޮއި ކުރެވުނު. ކުރެވިފަ އެމްއޯޔޫ ބާއްވާފަ އޮތީ މިހާރުވެސް. އެހެންމަ އެ އެމްއޯޔޫގަ ސޮއިކުރުމާ ވިދިގެން ދެން އަޅުގަނޑުމެން އުއްމީދު ކުރީ އެކަންކަން ތަރުތީބުވެގެން ދާނެކަމަށް. އެކަމަކު އެހެންނެއް ނޫން ތަރުތީބުވެގެން ދިޔައީކީ. އެއްވެސް ކަމެއް ނުކޮށް އެޗްޑީސީން ބާއްވައިގެން އެ ތިބެނީ. އެއީ ވަރަށް ގޯސްކޮށް ކުރާ ކަމެއް. ގާނޫނު އަސާސީއާ ހިލާފަށް އެމީހުންނަށް އެ އުޅެވެނީ" މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ހުޅުމާލޭގައި މުނިސިޕަލް ހިދުމަތްތައް ނުދެވޭތީ ކޮންމެ ދުވަހަކު އެތައް ކޯލެއް ލިބޭ ކަމަށެވެ. އާންމުންގެ ފަރާތުން ލިބޭ މިފަދަ ޝަކުވާތަކަށް ހައްލު ހޯދައިދެވޭނީ ގާނޫނާއި އެއްގޮތަށް ހުރިހާ ފަރާތަކުންވެސް އަމަލުކޮށްގެން ކަމަށް މޭޔަރު ވިދާޅުވި އެވެ.

މާލޭގެ އިންޑަސްޓްރިއަލް ޒޯން އާއި އެމްޕީއެލް ސަރަހައްދުގެ އިތުރުން އުސްފަސްގަނޑު ފަދަ ތަންތަނަކީވެސް ސިޓީ ކައުންސިލްގެ އިހުތިޞާސްގެ ތެރޭގައިވާ ތަންތަން ކަމަށްވިޔަސް އަދިވެސް އެތަންތަންވެސް ހުރީ ހައުސިންގް މިނިސްޓްރީން ބާރު ނަގާގޮތަށްކަމަށް ވުމުން މަސައްކަތް ކުރުމަށް ދަތިތަކެއް ކުރިމަތިވާކަމަށް މޭޔަރު ވިދާޅުވި އެވެ.

ހާއްސަކޮށް ހުޅުމާލެއަކީ ވަރަށް ބޮޑަށް ޕްލޭން ކުރެވިގެން ހިއްކައި ތަރައްގީކުރަން ފެށި ތަނަކަށް ވާއިރު އެތަނުގެ ކަންކަން ގާނޫނާއި އެއްގޮތަށް ކުރިއަށް ނުގެންދެވޭތީ އުސޫލުތަކުގައި ނުހިފެހެއްޓޭކަމަށް އާޒިމް ވަނީ ވިދާޅުވެފަ އެވެ.

"ހުޅުމާލެވެސް އެޔޮއް ދަނީ ދާނެ ގޮތަކަށް. ގޮނޑުވެސް ކުރަނީ. ޕާކިންްގް ބޭނުން ގޮތަކަށް ކުރަނީ. ޕްލޭން ކޮށްގެން އެހާ ރަނގަޅަށް ހެދި ތަނެއް ހަލާކުވެގެން ދާއިރުގަ އެތަން ބެލެހެއްޓުމަށް ހަވާލުވެގެން ތިބި މީހުން އެތިބީ ތިބި ގޮތަށް." އާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން މޭޔަރު ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް މަސައްކަތްތައް ކުރަން އެޗްޑީސީގައި މުވައްޒަފުން ތިބުމަކީ އެކަން ސިޓީ ކައުންސިލާއި ހަވާލު ނުކުރެވެންވީ ސަބަބެއް ނޫންކަމަށެވެ.

ރައީސް މުއިއްޒުގެ ނިންމެވުމާއިއެކު މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މުނިސިޕަލް ހިދުމަތް ސިޓީ ކައުންސިލާއި ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 21 ގަ އެވެ. ރައީސް އޮފީހުން ބުނީ ރައީސްގެ ނިންމުން ތަންފީޒުކޮށް ނިމުމުން މިތަންތަނުގެ މުނިސިޕަލް ހުރިހާ ހިދުމަތެއް ދޭނީ ސިޓީ ކައުންސިލުން ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!