އިންޑިއާ އައުޓު ކިޔުން މަނާކުރި ގަރާރު މައްސަލައިގެ ފަހު އަޑުއެހުން ނިންމާލައިފި
އިންޑިއާ އައުޓު ކިޔުން ހުއްޓުވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ނެރުނު ގަރާރު ބާތިލުކުރަން ކޯޓަށް ހުށަހެޅި މައްސަލައިގެ ފަހު އަޑުއެހުން ނިންމާލައިފި އެވެ.
އިންޑިއާ އައުޓު ކިޔުން ހުއްޓުވަން ރައީސް އޮފީހުން ނެރުނު ގަރާރު ބާތިލު ކުރަން ކޯޓަށް މައްސަލައެއް ހުށަހެޅީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުންނެވެ. ސިވިލް ކޯޓަށް މިމައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދާއިރު ހުކުމަކާއި ހަމައަށް ނުގޮސް ދެ އަހަރެއްހާ ދުވަސް ވެއްޖެ އެވެ.
ރައީސް ޔާމީން އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ، އެ ގަރާރަކީ ގާނޫނު އަސާސީގައި ބަޔާންކުރާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އަސާސީ ހައްގުތައް ހިފެހެއްޓޭ ގޮތަށް އޮތް "ޣައިރު ގާނޫނީ" ގަރާރެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި އެވެ.
މިމައްސަލައިގައި މިއަދު ކުރިއަށް ދިޔައީ މައްސަލައިގައި ހިމެނޭ ދެ ފަރާތުން މުޅި މައްސަލައަށް ހުލާސާކޮށް ވާހަކަ ދެއްކުމެވެ. އެއީ ހުކުމުގެ ކުރިއަށް ފަހު ބަހުގެ ގޮތުގައި އިއްވާ ހުލާސާ ބަޔާން އިއްވުމެވެ.
މިމައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރުން ކަމަށް ފަނޑިޔާރު އިއުލާން ކުރެއްވި އެވެ. އެހެންނަމަވެސް ހުކުމް ކުރާނެ ސީދާ ތާރީހެއް އިއުލާނެއް ނުކުރެ އެވެ.
އިންޑިއާ އައުޓުގެ ނަމުގައި މުޅި ރާއްޖޭގައި ކެމްޕެއިނެއް ކުރިއަށް ގެންދިޔައީ ރައީސް ޔާމީން އިސްވެ ހުންނަވައި ޕީޕީއެމް ޕީއެންސީ އިންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް އިސްކޮށް ހުންނަވައިގެން މަގުމަތީގެ ގިނަ ހަރަކާތްތަކެއް އިންޑިއާ އައުޓު ނަމުގައި ކުރިއަށް ގެންދިޔަ އެވެ.
މިމައްސަލައިގައި ސަރަހައްދީ މަސްލަހަތު ގެއްލިގެންދާކަމަށް ބުނެ އިންޑިއާ މަސްރަހު ހޫނުވުމުން ގަރާރެއް ނެރެ އިންޑިއާ އައުޓު ހަރަކާތްތައް ހުއްޓުވީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު އެވެ.