އައްޑޫއަށް ފެނުގެ މައްސަަލަ ދިމާވަނީ އިހުމާލުން، ފެނަކައިން ކުރީ ވައްކަން: ޝުޖާޢު
އައްޑޫއަށް ފެނުގެ މައްސަަލަ ދިމާވަނީ ބައެއްގެ އިހުމާލުން ކަމަށާއި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ފެނަކައިގެ ހާލަތު އޮތީ ވަރަށް ދަށު ދަރަޖައިގައި ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިފަދައިން ވިދާޅުވީ މިއަދު އޮތް ފުރަތަމަ ޖަލްސާއަށް، އައްޑޫގެ ފެނުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި މައްސަލަ ހުށަހަޅާފައިވަނީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އެވެ.
ނާޒިލް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ އެޕްރީލް 2024، އިން ފެށިގެން އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ފެން ނުލިބޭ ކަމަށާއި، މީގެ ސަބަބުން ރައްޔިތުންގެ އާންމު ދިރިއުޅުމަށް ބުރޫއަރައި ރައްޔިތުންނަށް އެތައް ތަކުލީފެއް ކުރިމަތިވަމުން އަންނަ ކަމަށެވެ.
ކުއްލި މައްސަލައިގައިވާ ގޮތުން އެ މައްސަލަ ހައްލު ނުވެ ދިގުލައިގެންދާތީ އާންމުންނާއި ވިޔަފާރިތަކަށް ވެސް އޭގެ އަސަރު ދަނީ ކުރަމުންނެވެ. އެހެންކަމުން މައްސަލަ ވީ އެންމެ އަވަހަކަށް ހައްލު ކުރުމަށް މައްސަލާގައި ގޮވާލާފައިވެ އެވެ.
މި މައްސަލައިގެ ބަހުސްއަށް ހުޅުވާލުމުން ޝުޖާޢު ވިދާޅުވީ ހިތަދޫ، އަދި އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ހާލަތު އޮތް ގޮތަކީ ކޮބައިތޯ ފުރަތަމަ ބަލާލަން ޖެހޭ ކަމަށެވެ. އަދި އައްޑޫ ސިޓީ ހިތަދޫއާއި، އަދި ގުޅިފައިވާ ރަށްތަކުގެ ފެނުގެ ހިދުމަތް ދިނުމަށް ގާއިމުކޮށްފައިވާ ނެޓްވޯކުގެ ފެނުގެ ސްޓޯރޭޖުތައް މެއިންޓަނެންސް ނުކުރުމުގެ ސަބަބުން ހުރީ ދަބަރަށް ގޮސް ހުސްވެފައި ކަމަށާއި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ފެނަކައިގެ ހާލަތު އޮތީ 4.6 ބިލިއަނުން ކުންފުނި ދަރުވާލާފައި ކަމަށް ވިދާޅުވި އެވެ.
“ވައްކަންކޮށްކޮށް.. އަޅުގަނޑުމެން އޭރު ހިތަށް އަރަމުން ދިޔަ ކީއްވެގެން ބާއޭ ޓީވީތައް ބަހަމުން މިގެންދަނީ ފެނަކައިގެ ފަރާތުން.. ބަލާލިއިރު ވައްކަމުގެ ތެރެއިން ސިލްސިލާކޮށް ކުރެވޭ ކަންތައްތަކުގެ ތެރެއިން މިކަން ހިނގަމުން ދަނީ” ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ މިދިޔަ މަޖިލީހުގައި އައްޑޫގެ ހުރިހާ ދާއިރާއެއް ވެސް އެމްޑީޕީ ތަމްސީލު ކުރިއިރު ވީ އެއްވެސް ކަމެއް ފެންނަން ނެތް ކަމަށެވެ. ފަސް އަހަރުގެ ވެރިކަން ނިމިގެން ދިޔައީ، ކުންފުނި ބޮޑު އަދަދަކުން ދަރަނިވެރި ކުރުވުމަށްފަހު ކަމަށް ޝުޖާއު ވިދާޅުވި އެވެ.
މި ސަރުކަަރުން ކެނޑިނޭޅި މަސައްކަތް ކުރަމުން ދަނީ އައްޑޫގެ ރައްޔިތުންނަށް ބައެއްގެ އިހުމާލުން ރަނގަޅު ފެނުގެ ހިދުމަތެއް ނުދެވޭތީ އެކަން ހައްލު ކުރުމަށް ކަމަށް ޝުޖާޢު ވިދާޅުވި އެވެ.