ޚަބަރު ޝަރުޢީ ދާއިރާ

ނޭޕާލް މީހަކު ރަހީނުކުރި ދިވެހި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މާލެ ސިޓީ

މާލޭ ގެސްޓު ހައުސްއެއްގެ ތެރޭގައި ނޭޕާލް މީހަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލައިގައި ހައްޔަރު ކުރި ދިވެހި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

Ads by MWSC

މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހުގޭ ރޭ ހިނގި މި ހާދިސާއާއި ގުޅިގެން ދެ މީހަކު ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން 35 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދަށް 10 ދުވަސް ޖެހި އެވެ. އެހެންނަމަވެސް ހައްޔަރު ކުރި ދެވަނަ މީހާ ދޫކޮށްލީ އެވެ.

ފުރަތަމަ ބަންދު ކުރި މީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އިއްޔެ ކޯޓަށް ގެންދިޔުމުން އިތުރު 15 ދުވަސް ބަންދުގައި ބަހައްޓަން ކޯޓުން ވަނީ ނިންމައިފަ އެވެ.

މިމައްސަލައިގައި އެފިރިހެން މީހާގެ މައްޗަށް ކުރަނީ ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފެހެއްޓިކަމުގެ ތުހުމަތެވެ. އެހެންނަމަވެސް އޭނާ ވަނީ ތުހުމަތަށް އިންކާރު ކޮށްފަ އެވެ.

މާފަންނުގައި ހުރި ގެސްޓު ހައުސްއެއްގެ ތެރޭގައި ނޭޕާލް ފިރިހެނަކު ރަހީނުކޮށްގެން ގެންގުޅުނީ ބިދޭސީންތަކެއްގެ ބައިވެރިވުމާވެސް އެކުކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. އެހެންނަމަވެސް އެއިން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައެއް ނުވާކަމަށްވެސް މައުލޫމާތު ލިބެ އެވެ.

މިކުށުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު ފުލުހުންގެ އެންޓް ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓުގެ އިންވެސްޓިގޭޓަރުން އަދި ކްރައިމް ސީން އޮފިސަރުން އެސަރަހައްދަށް ދިޔަ އެވެ. އަދި ރަހީނުކޮށްފައި ހުރި މީހާ ސަލާމަތް ކުރި އެވެ. ފުލުހުން ބުނީ އެމީހާގެ ހާލު ރަނގަޅު ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!