ރަށްދެބައި މަގަށް ކުނި އެޅި ބަޔަކު ހޯދަނީ
މާލޭ ރަށްދެބައި މަގަށް ކުނިއެޅި ބަޔަކު ހޯދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި އެވެ.
ރަށްދެބައި މަގުގެ ޕޭމަންޓާ ދިމާލުގައި ގިނަ އަދަދެއްގެ ކުނި ފުނިޖަހާފައި ހުރި ވީޑިއޯއެއް ސޯޝަލް މިޑިއާގައި ދަނީ ދައުރުކުރުވަމުންނެވެ.
އެ މައްސަލަ ބަލައިދިނުމަށް އެދި ޕޮލިސްގެ އިތުރުން މާލޭ މޭޔަރުގެ އެކައުންޓް ޓެގްކޮށް 'އެކްސް' ގައި މީހަކު ކުރި ޕޯސްޓަށް ރިޕްލައި ދެމުން އާދަމް އާޒިމް ވިދާޅުވީ ކުނި އެޅި ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރަމުންދާ ކަމަށެވެ.
މާލެތެރެ ސާފުކޮށް ބޭއްވުމަށްޓަކައި ސިޓީ ކައުންސިލާއި ވެމްކޯ ކުރާ މަސައްކަތް ހިތްވާރާ އެކު ކުރިއަށް ގެންދާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.
މާލޭ މަގުތަކަށް ކުނި އަޅައިގެން މިދިޔަ މޭމަހުގެ ނިޔަލަށް 190 އަށް ވުރެ ގިނަ މީހުން ސިޓީ ކައުންސިލުން ޖޫރިމަނާކޮށްފައިވެ އެވެ.
މާލެ ތެރެ ރީތިކޮށް ބޭއްވުމަށްޓަކައި ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މި އަހަރު ފެބްރުއަރީ މަހުން ފެށިގެން ސީސީޓީވީގެ އެހީގައި ކުނިއަޅާ މީހުން ހޯދައި ޖޫރިމަނާކުރަން ވަނީ ފަށައިފަ އެވެ. މަގުމަތީގެ ޕޭވްމަންޓު ގައި މުދާ ބަހައްޓައިގެން ވިއްކާތީ އެ ފަރާތްތައް ހުއްޓުވާ ޖޫރިމަނާވެސް ދަނީ ކުރަމުންނެވެ. ގަވާއިދާ ހިލާފަށް ކުނިއަޅާ މީހުން ޖޫރިމަނާ ކުރަނީ 500 ރުފިޔާއިންނެވެ.