ޚަބަރު ސަރުކާރު

ދަނޑުވެރިކަމުން އުފައްދާ ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރަންޖެހޭ: ވަޒީރު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު

ކާބޯތަކެތި އުފައްދާފައި ހުރީ އެކަށީގެންވާ ރައްކާތެރިގޮތެއްގައިތޯ ކަށަވަރު ކުރަންޖެހޭ ކަމަށާއި އެއީ ފަރުދީ ޒިންމާއެއްކަމަށް ސިއްހަތާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ސުފުރާމަތީގައި ކާން ހުންނަ ތަކެއްޗަކީ ސިއްހަތަށް ރަނގަޅު އެއްޗެއް ކަމުގައި ފެނުނު ނަމަވެސް އެ އުފައްދާފައި ހުރީ އެކަށީގެންވާ ގޮތެއްގައިތޯ ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ގިނަ ދަނޑުވެރިން ދަނޑުހައްދާ ކަމަށާއި ވަރަށް ބައިވަރު ބާވަތްތަކުގެ ކާނާ އުފައްދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ފަތްޕިލާވެލި، މޭވާ، ތަރުކާރީގެ އެކި ބަވަތްތައްވެސް އުފައްދާކަމަށް ހަލީލު ވިދާޅުވި އެވެ.

"އެކަމަކު މިހާރު ބޭރު ބަޔަކު ދަނޑުވެރިކަން ކުރަނީ. ދަނޑުވެރިކަން ކުރަމުންދާއިރު އެ ހައްދާއިރު އެ ދަނޑަށް އަޅަނީ ކިހާވަރެއްގެ ކެމިކަލްއެއްކަން ބޭރު ބައެއްގެ އަތްމައްޗަށް ދޫކޮށްލާއިރު އެމީހުނެއް ނުބަލަ." ވަޒީރު ވިދާޅުވި އެވެ.

ޑރ. ހަލީލު ވިދާޅުވީ ކެމިކަލް އަޅަންޖެހޭ މިންވަރަށްވުރެއް އިތުރަށް ގަސްތަކަށް އެ އަޅާކަމުގެ ޝަކުވާ މިނިސްޓްރީއަށް ދޭތެރެ ދޭތެރެއިން ލިބޭ ކަމަށެވެ. އެހެންނަމަވެސް އެ ކަންކަމަކީ ފިޔަވަޅު އެޅުމަށާއި ހައްލު ކުރަންވެސް އުނދަގޫ ކަމެއްކަމަށް ވިދާޅުވި އެވެ.

ވަޒީރު ހަލީލު ވިދާޅުވީ ކާނާ ރައްކާތެރިވަނީ އުދައްފާ ގޮތުން ކަމަށެވެ. އެ އުފައްދާތަކެތި މޭޒުމައްޗަށް އަންނަ އިރުގައި އެ ކާނާ އަކީ ރައްކާތެރި ކާނާތޯ ކަށަވަރުކުރުމަކީ އެއީ ކޮންމެ ފަރުދެއްގެ ޒިންމާއެއް ކަމަށް ވިދާޅުވި އެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ 7 ވަނަ ދުވަހެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!