ތޮއްޑޫ ކައުންސިލަށް ގެއްލުން ދިން މައްސަލާގައި އަދި މީހަކު ހައްޔަރުނުކުރޭ

އއ. ތޮއްޑޫ ކައުންސިލް އިދާރާ ކުރިމަތީ މުޒާހަރާކޮށް އެ އެ އިމާރާތަށް ގެއްލުން ދިން މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ތޮއްޑޫ އިން ދަނޑުވެރިކަމަށް ބިން ދޫކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން ރައްޔިތުންތަކެއް ނިކުމެ މުޒާހަރާކުރީ ހުސްވި ހަފްތާގެ ބުދަ ދުވަހު އެވެ. މުޒާހަރާކުރި މީހުން ވަނީ ކައުންސިލް އިމާރާތަކަށް ގާއުކުފާ އެވެ. އަދި އިމާރާތުގެ ބިއްލޫރިވެސް ތަޅާލާފަ އެވެ.
އެ ތަނަށް އެއްވި މީހުން އަމަލުކުރި ގޮތުން މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހަކަށްވެސް އަނިޔާވި އެވެ. ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު އެ އޮފިސަރު ވަނީ ދޫކޮށްލާފަ އެވެ.
ފުލުހުން މީޑިއާ އޮފިޝަލް "ދެން" އަށް މިއަދު ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި ނަމަވެސް އެކަމާއި ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
އެ މުޒާހަރާއާ ގުޅިގެން އެކި ފަހަރު މަތިން ތޮއްޑޫ ކައުންސިލުގެ ބަހެއް ހޯދަލަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.