ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ޒިޔާރަތްނ ކުރައްވާ ދެއްކެވީ އެމަނިކުފާނުގެ ސިޔާސަތުގެ ހަރުދަނާކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގެންނެވީ، ތިންވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ ހުވާ މޯދީ ކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. މިއީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތިޔަ ސާބިތުކޮށްދެއްވީ މަނިކުފާނުގެ ހާރިޖީ ސިޔާސަތުގެ ހަރުދަނާކަން. ޝުކުރިއްޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު," އަބްދުއްރަހީމް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލާނެ ކަމުގެ ވައުދާއެކުއެވެ. އެހެންކަމުން އެމަނިކުފާނު ވެރިކަމަށް ވަޑައިގަތް ފުރަތަމަ ދުވަސްތަކުގައި އިންޑިއާއާއި އެކު އޮތް ގުޅުން ގޯސްވިއެވެ. ސަރުކާރުގެ ބައެއް އިސްވެރިން މޯދީއަށް ފާޑުވިދާޅުވެ އެކްސްގައި ޕޯސްޓް ވެސް ކުރިއެވެ. އެކަމާއި ގުޅިގެން އިންޑިއާގެ ފަތުރުވެރިން ރާއްޖެ ޒިޔާރާތްކުރާ މިންވަރު ވެސް މަދުވިއެވެ. އަދި
އިންޑިއާގެ ބަދަލުގައި ރައީސް މުއިއްޒު ދަނީ ޗައިނާއާއެކު ގާތް ގުޅުމެއް ބާއްވަމުންނެވެ. އެމަނިކުފާނުގެ ފުރަތަމަ ރަސްމީ ދަތުރު ވެސް ކުރެއްވީ ޗައިނާއަށެވެ. އެ ދަތުރަށްފަހު ރައީސް ވަނީ އިންޑިއާއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ވެސް ދީފައެވެ. ނަމަވެސް، ރައީސް އިންޑިއާއަށް ވަޑައިގަތުމާ އެކު ދެ ގައުމުގެ މެދުގައި އޮތް ނުތަނަވަސްކަން ފިލައި ގުޅުން ބަދަހިކުރުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.