މަސްވެރިންނަށް ދޭންޖެހޭ 80 މިލިއަން ރުފިޔާ ވަގުތުން ދިނުމަށް ޝާހިދު ގޮވާލައިފި
މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ 80 މިލިއަން ރުފިޔާ ވަގުތުން ދިނުމަށް އިދިކޮޅު މައި ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަބްދުالله ޝާހިދު ގޮވާލައިފިއެވެ.
ޝާހިދު މިފަދައިން ވިދާޅުވެފައިވަނީ ސަރުކާރުން މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދާކަމަށް ބުނެ ރާއްޖޭގެ ދެ ސަރަައްދެއްގައި މަސްވެރިން މުޒާހަރާކުރަމުންދާ ދަނޑިވަޅެއްގައެވެ.
މުޒާހަރާކުރަމުން އަންނަނީ ބޮޑު ކަންނެލިގެ މަސްވެރިކަން ކުރާ މަސްވެރިންނާއި ކަނޑުމަހުގެ މަސްވެރިންނެވެ. މަސްވެރިން ކުރާ މި މުޒާހަރާގައި އެމީހުންނަށް ދޭންޖެހޭ ފައިސާ ނުލިބޭކަމަށާއި ލޭން އެޅުމަށް ހުއްދަދދިނީ ވަކި ބޭނުމެއްގައިކަމަށް ބުނެ ދަނީ އަޑު އުފުލަމުންނެވެ.
މިކަމާއި ގުޅިގެން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ކަންނެލި މަސްވެރިން މިއަދު ކުރަމުންގެންދާ އިހްތިޖާޖްގެ އަޑު ސަރުކާރުން އެހުމަށާއި މަސްވެރިން މިފްކޯ އަށް ކިރުވި މަހަށް ދޭން ޖެހޭ 80 މިލިއަން ރުފިޔާ ވަގުތުން ދިނުމަށް ގޮވާލާ ކަމަށެވެ.
އަދި މިއަދުގެ ސަރުކާރު ވެރިކަމަށް އައީ މަސްވެރިން ކިރާ މަހަށް އެންމެ ގިނަ ވެގެން ދެ ދުވަހު ތެރޭ ފައިސާ ޖަމާ ކުރާނެކަމަށް ވަޢުދުވެކަން ދިވެހި މަސްވެރިން ތަކުރުކޮށް ހަނދާން ކޮށްދެމުންދާ ކަމަށާއި މި އަހަރު ކުރީކޮޅު ވެސް މަސްވެރިންނަށް ދޭން ޖެހޭ އެތަށް މިލިއަން ރުފިޔާއެއް ނުދައްކާތާ އެތައް މަހެއް ވެގެން މަސްވެރިން މުޒާހަރާ ކުރަން ފެށުމުން ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބާ ދިމާކޮށް ސަރުކާރުން ދެއްކިކަން މަސްވެރިން ހަނދާން އެބަހުރިކަމަށް ބުނަމުންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
މިވަގުތު އިތުރު އިންތިޙާބެއް ބޯމަތީގައި ނެތްނަމަވެސް މަސްވެރިން އަތުންގަނެފައިވާ މަހަށް ދޭންޖެހޭ ފައިސާއަކީ މަސްވެރިންގެ ޚައްގަކަށްވާތީ ސަރުކާރުން އެ ޚައްގު ވަގުތުން އަދާކުރުމަށްގޮވާލަން” ޝާހިދު ވިދާޅުވިއެވެ.
ހުޅުމާލޭގައި ކަންނެލި މަސްވެރިން މުޒާހަރާކުރަމުން އަންނައިރު މިފްކޯއަށް ކިރުވި މަހަށް ދޭން ޖެހޭ ފައިސާ ނުދީގެ މަޑަވެލީގައިވެސް މަސްވެރިންވެސް ދަނީ މުޒާހަރާކުރަމުންނެވެ.
މީހުންނަށް ބަސްބުނުމުގެބަދަލުގައި ކަންކަން އިސްލާހުވާނީ ކޮން މަގަކުންތޯ ބަލާލުން ރަނގަލު