ކުޅިވަރު ފުޓްބޯޅަ

ފަަހަތުންއަރައި ޕޮލެންޑު ބަލިކޮށް ނެދަލެންޑްސްއިން ފެށުން ރަނގަޅުކޮށްފި

ސްޕޯޓްސް ޓީމް ، ދެން އޮންލައިން

ޔޫރޯ 2024 ގައި ފަހަތުންއަރައި ޕޮލެންޑް ބަލިކޮށް ނެދަލެންޑްސްްއިން މިބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

Ads by MWSC

މިރޭ ކުޅުނު ގްރޫޕް ޑީގެ ފުރަތަމަ މެޗު ނެދަލެންޑްސްއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ދެ ޓީމުގެ ފަރާތުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 16 ވަނަ މިނެޓުގައި ޕޮލެންޑުން ވަނީ ގޯލެއްޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ޕިއޮޓާ ޒިއޮލިންސްކީ ތަނަވަސްކުރި ފުރުސަތެއްގެ ބޭނުން ހިފައިގެން އެޑަމް ބުކްސާ ކާމިޔާބުކުރި ގޯލެކެވެ.

ނަމަވެސް މެޗުގެ 29 ވަނަ މިނެޓުގައި ކޯޑީ ގަކްޕޯ ވަނީ ނެދަލެންޑްސްއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އެ ގޯލަކީ އެ ޓީމުގެ ނަތަން އަކޭ ތަނަވަސްކުރި ފުރުސަތެއްގެ ބޭނުން ހިފައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

މީގެއިތުރުން، މެޗުގެ 83 ވަނަ މިނެޓުގައި ނެދަލެންޑްސްގެ ވާގޯސްޓް ވަނީ ޕޮލެންޑް އޭރިއާ ތެރޭގައި ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއިން ގޯލެއް ކާމިޔާބުކޮށް އެ ޓީމަށް ލީޑުނަގައިދީފައެވެ.

އެ މޮޅާއެކު ނެދަލެންޑްސްއަށް ވަނީ ތިން ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ލިބިފައެވެ. މެޗުން ބަލިވި ޕޮލެންޑް އޮތީ ގްރޫޕް ފުލުގައެވެ. މާދަމާ ރޭ 12 ޖަހާއިރު އެ ގްރޫޕްގައި ދެން ހިމެނޭ ފްރާންސްއާއި އޮސްޓްރިއާ ބައްދަލުކުރާ މެޗު ކުޅޭނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!