ޚަބަރު ރައްޔިތުންގެ މަޖިލިސް

ކޮވިޑް ވެކްސިން ޖެހި އެންމެން މޮނިޓަރ ކުރަން ގޮވާލައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރާއްޖޭގެ ބޮޑު އާބާދީއަކަށް ދިނީ އިންޑިއާއިން އުފެއްދި ކޮވިޝީލްޑް ވެކްސިން

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖެހި ހުރިހާ ރައްޔިތުންގެ ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަންޖެހޭ ކަމަށް ވިދާޅުވެ އެކަމަށް ކުޑަހުވަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހުސައިން ހަމީދު ގޮވާލައްވައިފި އެވެ.

Ads by STELCO

ޕްރިވެންޓިވް ކެއާގެ ހިދުމަތް އާސަންދައިގެ ދަށުން ލިބޭނެ ގޮތަށް ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން އިމްރާން ލަތީފު މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފަ އެވެ. އެބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން މެމްބަރު ހަމީދު ވިދާޅުވީ ގޮތް ނޭނގޭ ބަލިތައް ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި އެފަދަ ބަލިތަކުގައި ވަރަށް ގިނަ ބަޔަކު ކުއްލިއަކަށް ވަކިވެގެން ދާކަމަށް އޭނާ ވިދާޅުވި އެވެ.

“ހާއްސަކޮށް ކޮވިޑުގެ އާލަމީ ވަބާގަ އަޅުގަނޑުމެން ބޭނުންކުރި ވެކްސިނަށްފަހު އަޅުގަނޑުމެންނަށް މިކަން އިންތިހާއަށް އިތުރުވެފަ މިވަނީ.”

މެމްބަރު ވިދާޅުވީ ކޮވިޑް ވެކްސިންގެ ސަބަބުން ލިބޭ ގެއްލުންތައް ބައިނަލްއަގުވާމީ އިދާރާތަކުން ދިރާސާ ކުރަމުން ދާކަމަށެވެ. އެގޮތުން ކޮވިޑް ވެކްސިނަކީ އެންމެ ފުރިހަމައަށް ތަހުލީލު ކުރެވި ފަރުމާ ކުރެވިފައިވާ ވެކްސިނެއް ނޫންކަމަށް އެ ޖަމިއްޔާތަކުންވެސް ބުނެފައިވާ ކަމަށް މެމްބަރު ހަމީދު ވިދާޅުވި އެވެ.

ކޮވިޑު ވެކްސިންގެ ސަބަބުން ލޭ އޮލަވުމުގެ މައްސަލަ ދިމާވާކަމަށް ސިއްހީ މާހިރުންވެސް އެއްބަސްވެފައިވާ ކަމަށް ހަމީދު ވިދާޅުވި އެވެ.

ހަމީދު އިޝާރާތް ކުރައްވާފައި މިވަނީ އެސްޓްރެޒެނެކާ ވެކްސިންގެ ސަބަބުން ލޭ ގަނޑުވުމުގެ މައްސަލަ ދިމާވާތީ އެވެކްސިން އިތުރައް އުފެއްދުމާއި ދިނުން މަނާކޮށްފައިވާތީ އެކަމަށެވެ. މިމައްސަލަ ދިމާވަނީ އިންޑިއާއިން އުފެއްދި ވެކްސިނުން ކަމަށް ފާހަގަކުރެވިފައިވާއިރު ރާއްޖޭގެ ބޮޑު އާބާދީއަކަށް ދިނީ މި ވެކްސިނެވެ.

“އެހެންނަމަވެސް ކުރެވިފަ އޮތް ކަމެއް އަޅުގަނޑުމެންނަށް އަނބުރައެއް ނުގެނެވޭނެ.މިކަމަށްވެސް ކޮން ހައްލެއްތޯ އަޅުގަނޑުމެންނަށް ގެނެވޭނީ…. ކޮވިޑު ވެކްސިން ދީފަ ތިބި މީހުންގެ ސިއްހީ ހާލަތު ރަނގަޅަށް މޮނިޓަރ ކުރަން އެބަ ޖެހޭ”

ރާއްޖޭގެ ބޮޑު އާބާދީއެއް ކޮވިޑު ވެކްސިން ޖެހިކަން ހަމީދު ފާހަގަކުރެއްވި އެވެ. އެއާއެކުވެސް އެންމެންގެ ހާލަތު މޮނިޓަރ ކުރަންޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އާސަންދަ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށްވެސް ހަމީދު ގޮވައިލެއްވި އެވެ. މިހާރު މި ނިޒާމު އޮތް ގޮތުން ބޮޑެތި ބަލިތަކަށް އާސަންދަ ނުލިބޭކަން ފާހަގަކުރައްވައި އަލަށް ހުށަހެޅި މި ބިލުގެ ތެރެއިން އާސަންދަ ނިޒާމުވެސް ހަރުދަނާވެގެން ދާނެކަމަށް މެމްބަރު ވަނީ ވިދާޅުވެފަ އެވެ.

  1. ސާންތި

    މަޖުބޫރުކޮށްގެން ވެކްސިންގ ޖެހުވި އޮފީސްތަކާމެދު ފިޔަވަޅު އަޅަނއ ފެނޭ