ޚަބަރު

ހުޅުމާލޭ ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި

އަލީ ސަމާޙް ، ދެން އޮންލައިން

ހުޅުމާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް އަލުން ފަށައިފި އެވެ.

Ads by Sosun Fihaara

ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.

އެޗްޑީސީން ބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ފެށި އެ މަޝްރޫއުގެ ދަށުން މިހާތަނަށް  23 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ. އެއަށްފަހު އެ މަޝްރޫއުގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލީ، ރާއްޖޭގެ ފަރުތަކުން ގާ ހުދުވަމުންދާކަމަށް ފާހަގަކުރެވިގެން ބިން ހިއްކުމުގެ މަސައްކަތްތައް މަޑުޖައްސާލުމަށް އީޕީއޭގެ އާއްމު އިއުލާނަކުން އޭރު އެންގުމާ ގުޅިގެން ކަމަށެވެ.

މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، އީޕީއޭގެ ހުއްދަ އަލުން ލިބުމާއެކު ތިންވަނަ ފިޔަވަހިން ބާކީ 40 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްތައް އަލުން ފެށީ މިއަދު ހަވީރު ކަމަށް އެޗްޑީސީން ބުންޏެވެ.

ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށާއިރު، އެ ސަރަހައްދުގެ ފަޅުތެރޭގައި ހުރި ބައެއް އުޅަނދުތައް މިހާތަނަށް ވެސް ނަގާފައި ނުވާތީ، މި މަސައްކަތް ކުރިއަށް ގެންދަން ވަރަށް ބޮޑަށް ދަތިވެދާނެތީ އެ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ވީހާވެސް އަވަހަކަށް ނަގައި ފަޅުތެރެ ހުސްކޮށް ދިނުމަށް އެ ކޯޕަރޭޝަނުން އެދިފައިވެ އެވެ.

ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ހޯދައިދިނުމަށް މި ކޯޕަރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!