ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ތިމާވެއްޓާއި ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒު އަލީ ސަލީމް ހައްޔަރުކޮށްފި އެވެ.
ވަކި މައްސަލައެއް ވިދާޅުނުވެ ފުލުހުންގެ މުއައްސަސާއިން ވަނީ ޝަމްނާޒު ހައްޔަރު ކުރިކަން ކަށަވަރުކޮށްދީފަ އެވެ. އޭނާއާއިއެކު އިތުރު ދެ މީހެއްގެ މައްސަލަވެސް ތަހުގީގު ކުރާކަން ފުލުހުން ކަށަވަރުކޮށްދިނެވެ. އެހެންނަމަވެސް އެމީހުން ހައްޔަރު ކުރިކަމެއް އަދި އެމީހުންނާބެހޭ އެއްވެސް މައުލޫމާތެއްވެސް ފުލުހުން އާންމެއް ނުކުރެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލެ މެޖިސްޓްރޭޓު ކޯޓަށް ހާޒިރުކޮށް ޝަމްނާޒު 7 ދުވަހަށް ބަންދު ކުރަން ވަނީ ކޯޓުން އަމުރުކޮށްފަ އެވެ.
ޝަމްނާޒަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. އާދަމް ރަމީޒުއާއި ޝަމްނާޒު ވަރިވީ މިހިނގާ ޖޫން މަހުކަމަށް މައުލޫމާތު ލިބެ އެވެ.
ޝަމްނާޒު ހައްޔަރު ކުރުމުގެ ކުރިން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކޮށްފައި ވެއެވެ. އަދި އެގެއިން ބައެއް ސާމާނު ފުލުހުންނަށް ފެނުނުކަމަށްވެސް ވަނީ އެނގިފަ އެވެ.
އާދަމް ރަމީޒަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ވަރަށް އަރިހުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެހެންނަމަވެސް ސަރުކާރުގެ މަސައްކަތްތަކުގެ ކުރީ ސަފުން އާދަމް ރަމީޒު ނުފެންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.
އާދަމް ރަމީޒު މަސައްކަތްތަކުން އެކަހެރި ކުރިކަމަށް އަޑު ފެތުރުނު ނަމަވެސް ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ މިމައުލޫމާތު ދޮގުކޮށްފަ އެވެ.
ޝަމްނާޒު ސިހުރު ހެދިކަމަށް ވާހަކަ ދެކެވޭއިރު އޭނާ ސިހުރު ހެދީ ރައީސް މުއިއްޒު އާއި ގާތް ވާންކަމަށް ވަނީ އެނގިފަ އެވެ. އެހެންނަމަވެސް މީގެ މާ ބޮޑު ތަފްސީލެއް އަދި ނޭނގެ އެވެ.