ހިތި ބޭސް ދީގެން ކޮންމެ މީހަކަށްވެސް ކަންކަން ކުރެވިދާނެކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލު ހޫނު ރައްދެއް ދެއްވައިފި އެވެ.
ރާއްޖޭގެ އިގްތިޞާދަށް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާތީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. ނިމިދިޔަ ހަފްތާގައި އަޅާނެ ބައެއް ފިޔަވަޅުތަކާއި ގުޅޭގޮތުން މައުލޫމާތު ދީފައިވާއިރު އެކަންކަމަށް ރައްދު ދެއްވައި ފައްޔާޒު މިއަދު ވަނީ ރައީސް ޑރ. މުއިއްޒުއަށް ރައްދު ދެއްވައިފަ އެވެ.
ފައްޔާޒު ވިދާޅުވީ ރައްޔިތުން ރައީސް މުއިއްޒު އަށް ވޯޓު ދިނީ "ކުރީ ސަރުކާރާ މެދު" ދެއްކެވި ވާހަކަތަކަށް ބަލާފައި ކަމަށެވެ. އެގޮތުން ރައްޔިތުންނަށް މާ ރަނގަޅު ގޮތެއް ހޯއްދަވައިދެއްވާނެ ކަމާއި އެކަންކަން ކުރައްވަން އެނގިވަޑައިގަންނަވާކަމަށް ރައީސް މުއިއްޒު ވިދާޅުވުމުން އެކަން ފައްޔާޒު ފާހަގަކުރެއްވި އެވެ.
"އޭރު ހިތި ބޭހުގެ ވާހަކައެއް ނުދައްކަވާ. ހިތި ބޭސް ދީގެން ކޮންމެ މީހަކަށްވެސް ކަންކަން ކުރެވިދާނެ"
ފައްޔާޒު އިޝާރާތް ކުރައްވާފައި މިވަނީ ސަރުކާރުން ޓެކްސް ބޮޑުކުރަން ނިންމުމާއި، މަސްވެރިން އަތުން މަސް ގަންނަ އަގު ކުޑަކުރަން ނިންމި ނިންމުމަށް އިޝާރާތް ކުރައްވައި ކަމަށް ބެލެވެ އެވެ. މިސަރުކާރުން ވަނީ އަންނަ މަހުގެ އެކަކުން ފެށިގެން މަސްވެރިން އަތުން ގަންނަ މަސް ކިލޯއަކަށް 15 ރުފިޔާ ހޭދަކުރަން ނިންމައިފަ އެވެ. މިހާރު މަސް ކިލޯއެއް ގަންނަނީ 25 ރުފިޔާ އަށެވެ.
ރައީސް ޑރ. މުއިއްޒުގެ ކެބިނެޓުން ވަނީ ސިޔާސީ މަގާމުތައް މަދު ކުރުމުގެ ގޮތުން މަސައްކަތުގެ ފެންވަރު ރަނގަޅު ނޫން މުވައްޒަފުން ވަކިކުރަން ނިންމައިފަ އެވެ. މީގެ އިތުރުން ބޮޑެތި ހަފްލާތައް ބޭއްވުން މަޑުޖައްސާލައި ދައުލަތުގެ ހަރަދުތައް ކުޑަކުރަންވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.