ވިނަރެސް ޓަވަރުތަކުގެ ދޮރުތަކަށް ގެއްލުން ދީފި، ސިސްޓަމް މެދުކަނޑާލަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ޓަވަރުތަކުގެ ތިރީ ދޮރުތަކަށް ގެއްލުން ދިނުމުގެ ސަބަބުން އެކްސެސް ކޮންޓްރޯލް ސިސްޓަމް ވަގުތީ ގޮތުން މެދުކަނޑައިލަން ނިންމައިފި އެވެ.
ވިނަރެސް ޓަވަރުތަކުގެ ތިރީ ދޮރުތަކުގައި އެކްސެސް ކޮންޓްރޯލް ސިސްޓަމް ހަރުކުރީ މީގެ ތިން ދުވަސް ކުރިންނެވެ. އެހެންވެ ޓަވަރުތަކަށް މިހާރު ވަދެވެނީ ޓެގު ޖަހައިގެންނެވެ.
އެޗްޑީސީން މިއަދު ބުނީ ބައެއް ދޮރުތަކަށް ބަޔަކު ގަސްތުގައި ގެއްލުން ދީ ދޮރުތައް ހަލާކުކޮށްފައިވާ ކަމަށެވެ.
އެކަމާއި ގުޅިގެން މިއަދު މެންދުރު ފަހުން ފެށިގެން އެކްސެސް ކޮންޓްރޯލް ސިސްޓަމް ވަގުތީ ގޮތުން މެދުކަނޑައިލަން ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
އެކުންފުނިން ބުނީ ވިނަރެސްގައި ދިރިއުޅޭ މީހުންގެ ރައްކާތެރިކަމަށްޓަކައި މިފަދަ އަމަލުތަކުން ދުރުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ވިނަރެސް ޓަވަރުތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން ބޭރު ދޮރުގެ ޓެގު ދޫކޮށްފައިވަނީ ކޮންމެ އެޕާޓްމެންޓަކަށް ފަސް ޓެގެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޓަވަރުތަކަށް ގޮތް ނޭނގޭ މީހުން ވަދެ ވައްކަން ކުރުމާއި މީހުން ދިރިނޫޅޭ އެޕާޓްމެންޓުތަކަށް ވަދެ މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ އަޑުތައް ދޭތެރެ ދޭތެރެއިން ފެތުރެ އެވެ.