ޚަބަރު ސިޔާސީ

40 އަހަރު ނުނަގާ ދަރަނި ޞާލިހު ނެގި، ހަގީގަތް ބަދަލު ނުވާނެ: ހަމްދާން

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އެފްޑީސީގެ އެމްޑީ ހަމްދާން ޝަކީލް

40 އަހަރު ނުނަގާ މިންވަރަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ދައުލަތަށް ދަރަނި ނަގާފައިވާ ކަމަށާއި އެ ހަގީގަތް ބަދަލު ނުވާނެކަމަށް އެފްޑީސީގެ މެނޭޖިންގް ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.

Ads by STELCO

ރާއްޖޭގެ އިގްތިޞާދީ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ދައުލަތުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަމުންދާ މި ދުވަސްވަރު އެކި ގޮތްގޮތަށް ދަރަނީގެ ވާހަކަ ސޯޝަލް މީޑިއާގައި ދަނީ ދައްކަމުންނެވެ.

މިމައުޟޫގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަމްދާން ވިދާޅުވީ ރައީސް ޞާލިހު ދަރަނި ނަގަމުން ދިޔައީ އެއްވެސް ރޭވުންތެރިކަމެއް ނެތި ކަމަށެވެ. އޭގެ ސަބަބުން ގައުމުގެ އިގްތިޞާދު އަނދަވަޅަކަށް ވައްޓައިލިކަން ހަމްދާން ފާހަގަކުރެއްވި އެވެ.

"މިއަދުގެ ރައީސް، ރައީސް ޑރ. މުއިއްޒު ދަނީ ރޭވުންތެރިކަމާއެކު ދައުލަތުގެ ހަރަދުތައް ކުޑަކޮށް ދަރަނި ހަމަޖައްސާ އިގްތިޞާދުގެ ދުވުން އަލުން ބާރުކުރަން ގިނަ ހެޔޮ މަސައްކަތްތަކެއް ކުރައްވަމުން"

ހަމްދާން ހިއްސާކުރެއްވި ފޮޓޯގައި ވަނީ 1978 އިން 2018 އަށް 40 އަހަރުގެ ތެރޭގައި 58 ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި ނަގާފައިވާ ކަމަށެވެ. އަދި ރައީސް ޞާލިހުގެ 4 އަހަރުގެ ތެރޭގައި އެކަނި 120 ބިލިއަން ދަރަނީގެ ގޮތުގައި ނެގިކަން ހަމްދާންގެ ފޮޓޯގައި ވަނީ ފާހަގަކޮށްފަ އެވެ.

ދުނިޔޭގެ މަޝްހޫރު ކްރެޑިޓް ރޭޓިން އެޖެންސީ ފިޗުން މިދިޔަ ބުދަ ވަނީ ރާއްޖޭގެ ރޭޓިން މުރާޖައާކުރުމަށް ފަހު "ބީ މައިނަސް"އިން "ސީސީސީ ޕްލަސް"އަށް ދަށްކޮށްފަ އެވެ. އެ ރޭޓިންއަކީ ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނި ނުދެއްކި ޑީފޯލްޓްވުމުގެ ފުރުސަތު ވަރަށް ބޮޑު ގައުމުތަކަށް ދޭ ރޭޓިން އެކެވެ.

މޫޑީސްއިން ނެރުނު އެސެސްމެންޓުގައި ރާއްޖޭގެ އިގްތިޞާދު ރަނގަޅު ކުރަން ދައުލަތުގެ ހަރަދު ކުޑަކުރަން ޖެހޭކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެޅިދާނެ މުހިންމު ފިޔަވަޅުތަކެއްވެސް ވަނީ ހިމަނައިފަ އެވެ.

ސަރުކާރުން ބުނީ މޫޑީސްއިން ފާހަގަކުރި ފިޔަވަޅުތައް އަޅަން ރައީސް މުއިއްޒުގެ ކެބިނެޓުން ނިންމަވާފައިވާ ކަމަށެވެ. މިދިޔަ ހަފްތާގެ ތެރޭގައި ސަރުކާރުން ވަނީ ސިޔާސީ މަގާމުތައް މަދު ކުރުމުގެ މަސައްކަތް ފަށާފައިވާކަން އިއުލާން ކޮށްފަ އެވެ. އަދި ބޮޑެތި ހަރަދުތައް ކޮށްގެން ބާއްވާ ހަފްލާތައް ވަގުތީ ގޮތުން މެދުކަނޑައިލަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!