ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމަށް އިތުރު ވަގުތު ދީފި
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދެމުން ގެންދާ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ކައުންސިލުން އިތުރު ވަގުތު ދީފި އެވެ.
އެމްއެމްސީއިން ނޫސްވެރިންގެ އެވޯޑަށް ކުރިމަތިލުމަށް ކުރިން ހުޅުވައިލީ މިއަދުގެ ނިޔަލަށެވެ. ނަމަވެސް މިހާރު ވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފަ އެވެ.
އިނާމު ދިނުމަށް ކަނޑައެޅިފައިވާ ކެޓަގަރީތަކާއި ދާއިރާތަކަކީ:
- ނޫސްމަޖައްލާ ކެޓަގަރީ
- އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީ
- ތަޙުޤީޤީ ނޫސްވެރިކަމުގެ ދާއިރާ
- އިޖުތިމާޢީ ދާއިރާ
- ސިޔާސީ ދާއިރާ
- ޝަރުޢީ އަދި ޤާނޫނީ ދާއިރާ
- ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާ
- ކުޅިވަރުގެ ދާއިރާ
- ފޮޓޯ ޖާރނަލިޒަމްގެ ދާއިރާ
- ވީޑިއޯ ޑޮކިއުމަންޓްރީގެ ދާއިރާ
- ގްރެފިކްސް އާއި އިލެސްޓްރޭޝަންސްގެ ދާއިރާ
- ފީޗަރ ރިޕޯޓުގެ ދާއިރާ
- ތާރީޚާއި ސަގާފަތުގެ ދާއިރާ
- މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ
- ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާ
- އޯޑިއޯ ޖާނަލިޒަމްގެ ދާއިރާ
- އުންމީދީ ނޫސްވެރިޔާގެ އިނާމު
- އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު
- އަހަރުގެ އެންމެ މޮޅު ކަވަރޭޖުގެ އިނާމު
- އަތޮޅުތެރޭގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު
މި އިނާމުތަކަށް ކުރިމަތިލާނީ، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ތައްޔާރުކޮށް އާންމުކޮށްފައިވާ ގޫގަލް ފޯމްމެދުވެރިކޮށެވެ. އިނާމު ދިނުމަށް ހަމަޖެހިފައިވާ އުސޫލު މިހާރު ވަނީ ގެޒެޓްކޮށްފައެވެ.
ނޫސްވެރިންނަށް އެވޯޑު ދިނުމުގެ ބޭނުމަކީ އެމީހުން ކުރާ ބުރަ މަސައްކަތް އަގުވަޒަންކޮށް ކުރިއަށް ދިއުމަށް ހިތްވަރު ދިނުން ކަމަށް މީޑިއާ ކައުންސިލުން ބުނެ އެވެ.
Ads by Allied Insurance