ޖަޕާން ސަރުކާރުން ކުޅުދުއްފުއްޓަށް އެމަޖެންސީ ސަޕޯޓް ވެހިކަލެއް
ޖަޕާން ސަރުކާރުން ދިވެހި ރެޑް ކްރެސެންޓުގެ ކުޅުދުއްފުށީގެ ބްރާންޗަށް އެމަޖެންސީ ސަޕޯޓް ވެހިކަލަކާއި ޑީވޯޓަރިން އިކުއިޕްމަންޓެއް ހަދިޔާކޮށްފި އެވެ.
ޖަޕާން ސަރުކާރުގެ ފަރާތުން މި އެހީ ރަސްމީކޮށް ހަދިޔާކޮށްފައި ވަނީ އެކަމަށް ޓަކައި ކުޅުދުއްފުށި ސިޓީގައި އާދިއްތަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޓަކެއުޗީ މިޑޮރީ އެވެ. ޖަޕާނުގެ މި އެހީއާ ދިވެހި ރެޑް ކްރެސެންޓުގެ ފަރާތުން ހަވާލުވެފައި ވަނީ އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާ އެވެ.
ގްރާންޓް އެސިސްޓެންސް ފޯ ގްރާސް-ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސް (ޖީޖީޕީ) ސްކީމުގެ ދަށުން ދެވުނު މި އެހީ އަކީ މިދިޔަ ފެބްރުއަރީ މަހުގެ ނުވަވަނަ ދުވަހު ރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީ އާއި ދިވެހި ރެޑް ކްރެސެންޓާ ދެމެދު ސޮއިކުރި ގްރާންޓް ކޮންޓްރެކްޓުގެ ދަށުން ދިން އެހީ އެކެވެ. މި ކޮންޓްރެކްޓުގެ ދަށުން ދިނުމަށް އެއްބަސްވި 40،569 ޑޮލަރަކީ ދިވެހި ރެޑްކްރެސެންޓުގެ ކުޅުދުއްފުށީގެ ބްރާންޗަށް ބޭނުންވާ އެމަޖެންސީ ސަޕޯޓް ވެހިކަލަކާއި ޑީވޯޓަރިން އިކުއިޕްމަންޓް ގަތުމަށް ދިން އެހީ އެކެވެ.
ޖަޕާން އެމްބަސީން ބުނީ މި ޕްރޮޖެކްޓުގެ ދަށުން ދިވެހި ރެޑްކްރެސެންޓުގެ ކުޅުދުއްފުށީގެ ބްރާންޗުގެ އެމަޖެންސީ ރެސްޕޯންސް ޓީމުގައި މަސައްކަތް ކުރަމުން އަންނަ ހިލޭ ސާބަހަށް މަސައްކަތް ކުރާ ފަރާތްތަކަށް ހަދިޔާ ކުރެވުނު ވެހިކަލަކީ ކުއްލި ހާލަތްތަކުގައި ބޭނުން ކުރުމަށް އެކަށޭނަ ވެހިކަލެއް ކަމަށެވެ. ޑީވޯޓަރިން ޕަމްޕަކާއި އެކަމާ ގުޅުންހުރި ސާމާނު ހިމެނޭ މި ވެހިކަލަކީ ފެންބޮޑުވުމާއި އެފަދަ ހާލަތްތަކާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި ބޭނުންވާ ޒަރޫރީ ތަކެތި އުފުލަން ބޭނުން ކުރެވޭނެ ވެހިކަލެއް ކަމަށް ޖަޕާން އެމްބަސީން ބުނެ އެވެ. އެ އެމްބަސީން ބުނެފައި ވަނީ މި އެހީ އާއެކު ދިމާވާ ކުއްލި ހާލަތްތަކުގައި ދިވެހި ރެޑް ކްރެސެންޓުން ކުރަމުން އަންނަ މަސައްކަތްތައް މިހާރަށް ވުރެ އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށެވެ.
ޖީޖީޕީއަކީ ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީން ކުރިއަށް ގެންދާ ޖަޕަނީސް އޮފިޝަލް ޑިވެލޮޕްމަންޓް އެސިސްޓެންސް (އޯޑީއޭ) ދަށުން މީހުން ބާރުވެރި ކުރުވުމަށް ހިންގޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ޖަޕާނުން އަންނަނީ 1996 ވަނަ އަހަރުން ފެށިގެން ތައުލީމާއި ތިމާވެއްޓާއި ސިއްހަތާއި ދަތުރުފަތުރާ އަދި ހަކަތައިގެ ދާއިރާއިން ރާއްޖެއަށް ދީލަތި އެހީތަކެއް ވަމުންނެވެ.