މާޅޮސް ގެތަކުގެ ބިލު ފޮނުވުން ޑިޖިޓަލް ކުރުމަށް ފެނަކައިގެ ހާއްސަ ޕްރޮގުރާމެއް

ބ. މާޅޮސް ގެތަކުގެ ކަރަންޓާއި ފެނުގެ ބިލުތައް ފޮނުވުން ޑިޖިޓަލް ކުރުމަށް އެރަށު ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ޕްރޮގުރާމެއް ފެނަކަ ކޯޕަރޭޝަނުން ކުރިއަށް ގެންގޮސްފި އެވެ.
ފެނަކައިން ބުނީ މާޅޮސްގެ ބިލުތައް އެސްއެމްއެސް މެދުވެރިކޮށް ފޮނުވުމުގެ ހިދުމަތް މިހާރު ތައާރަފުކޮށްފައިވާ ކަމަށެވެ.
މިއަދު ކުރިއަށް ގެންދިޔަ ޕްރޮގުރާމުގެ ތެރެއިން މާޅޮސް ރައްޔިތުންގެ ފޯނުތަކަށް މޮބައިލް އެޕްލިކޭޝަން އިންސްޓޯލްކޮށްދީ އެ ބޭނުން ކުރާނެގޮތް ދަސްކޮށްދީފައިވާ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަނުން މާޅޮސްގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން
ކަރަންޓާއި ފެނުގެ ބިލުތައް ޕްރިންޓުކޮށްފައި ބައެއް ރަށްރަށަށް އަދިވެސް ފޮނުވަ އެވެ. އެހެންނަމަވެސް މާލެ ސިޓީގެ ގެތަކަށް ބިލު ފޮނުވަނީ އެސްއެމްއެސް އަދި އެޕްލިކޭޝަން މެދުވެރިކޮށެވެ.
މިހިދުމަތް ފެނަކައިން ރަށްރަށަށް ތައާރަފު ކުރަމުން ދާއިރު މީގެ ސަބަބުން ޕްރިންޓު ކުރުމަށް ދާ ހަރަދާއި ކަރުދާސް ހަރަދު ކުޑަކުރެވި ދައުލަތުގެ ފައިސާއިން ހޭދަކުރާ މިންވަރު ވަރަށް ބޮޑަށް ކުޑަވެ އެވެ.
މިހާރު ފެނަކަ، އެމްޑަބްލިއުއެސްސީ އަދި ސްޓެލްކޯއިންވެސް އެޕްލިކޭޝަނެއް ތައާރަފުކޮށް އެ މެދުވެރިކޮށް ބިލު ދެއްކޭއިރު ރައްޔިތުންނަށް އެތައް ލުއި ފަސޭހަތަކެއް ލިބެ އެވެ. މީގެ އިތުރުން ދިރާގާއި އުރީދޫ އެޕްލިކޭޝަން މެދުވެރިކޮށްވެސް މިހާރު ބިލުތަކަށް ފައިސާ ދެއްކެ އެވެ.