ތިމާވެއްޓާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސިހުރު ހެދިކަމަށް ތުހުމަތުކޮށް ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހެޅީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ އެމަނިކުފާނުގެ އާއިލާއިން ނޫންކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
އިތުރު ދެ މީހެއްގެ ބައިވެރިވުމާއިއެކު ޝަމްނާޒް ސިހުރު ހެދިކަމަށް ބުނެ ފުލުހުންގެ އިދާރާއަށް މައްސަލައެއް ހުށަހަޅައި މިމައްސަލައިގައި ތިން މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. ޝަމްނާޒްގެ ބަންދަށް ހަތް ދުވަސް ޖަހައި އެ މުއްދަތު ހަމަވުމުން މިއަދު އަނެއްކާވެސް ވަނީ 7 ދުވަހަށް އޭނާ ބަންދު ކުރަން ކޯޓުން ނިންމައިފަ އެވެ.
ބައެއް މީޑިއާތަކުން ދަނީ ޝަމްނާޒްގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އާއިލާއިންކަމަށް ބުނެ ހަބަރު ފަތުރަމުންނެވެ.
އެހެންނަމަވެސް ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު މިއަދު ވިދާޅުވީ ރައީސްގެ އާއިލާއިން މިފަދަ އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކާއިމެދު ފުލުހުންގެ އިދާރާއަށް ހުށަހަޅާފައި ނުވާނެ ކަަމަށެވެ. އަދި ރައީސާއި އާއިލާއަށް ނިސްބަތްކޮށް މީޑިއާތަކުން ދޮގު ހަބަރު ފަތުރާތީ އެކަން ހީނާ ވަނީ ފާހަގަކުރައްވައިފަ އެވެ.
ޝަމްނާާޒް ސިހުރު ހެދީ ރައީސާއި އަރިހުގައި މަސައްކަތް ކުރުމަށް ހިތް ޖެއްސުމަށްކަމަށް ވާހަކަ ދެކެވެ އެވެ. އެހެންނަމަވެސް ސިހުރު ހަދަން ފެށީ ކޮން ދުވަސްވަރެއްގައި ކަމެއް ސާފެއް ނުވެ އެވެ. މި ކަމުގައި ޝަމްނާޒްއާއެކު ބައިވެރިވި ދެ މީހުންގެ ތަފްސީލެއް އަދި ނޭނގެ އެވެ. އެހެންނަމަވެސް ޝަމްނާޒުގެ އާއިލީ މެމްބަރަކު މީގައި ހިމެނޭކަމަށްވެ އެވެ.
ޝަމްނާޒް އާއި އޭނާގެ ކުރީގެ ފިރިކަލުން އާދަމް ރަމީޒުވެސް މިހާރު ތިއްބެވީ ސަސްޕެންޝަންގަ އެވެ. ރަމީޒު ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގަ އެވެ. މިދެ ބޭފުޅުންނަކީ ކުރިން މާލެ ސިޓީ ކައުންސިލްގައި ރައީސް މުއިއްޒު މޭޔަރުގެ ގޮތުގައި ހުންނެވިއިރު އެންމެ އަރިހުގައި މަސައްކަތް ކުރެއްވި ދެބޭފުޅުންނެވެ. ރަމީޒު އާއި ޝަމްނާޒު ވަރިވީ މިދިޔަ ޖޫން މަހު އެވެ.
ޝަމްނާޒް ރައީސަށް ސިހުރު ހެދިކަމުގެ ވާހަކަ ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަމަށްވެސް ވަނީ އައިސްފަ އެވެ. އިންޑިއާ އާއި ޕާކިސްތާނު އަދި އެހެނިހެން ގައުމުތަކުގެ މީޑިއާތަކުންވެސް މިހަބަރު ވަނީ ގެނަސްދީފަ އެވެ.
ދޮގުހެދުމައް ކުޅަދާނަ އަންހެނެއްތީ!